މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ތައިލެންޑުންވެސް ފެނި، އެ ގައުމުންވެސް މި ބަލީގައި މީހުން މަރުވަމުންދާތީ އެއް މަސް ދުވަހަށް އެ ގައުމުގައި ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށްފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔުތް ޗަންއޮޗާ މިއަދު އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، އެއަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއީ އެ ގައުމުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ބޮޑުވަޒީރު ޕްރަޔުތް ޗަންއޮޗާ ވިދާޅުވިއެވެ.

ތައިލެންޑުގައި ވައިރަސް ފެތުރެން ފެށި ފަހުން މިހައިތަނަށް 827 މީހަކު ފައްސި (ޕޮސިޓިވް) ވެފައި ވާއިރު ޖުމްލަ 4 މީހަކު ވަނީ މަރުވެފައެވެ. ތައިލޭންޑަކީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް މީގެ ކުރިން އެ ގައުމުގައި ވަައިރަސް އޮތީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ފައްސިވި މީހުންނަށް ފަރުވާދީ ރަނގަޅު ކޮށްފައިވެސް ވެއެވެ.

އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތް ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި އެންމެ ބޮޑު އަމާޒަކީ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ނުދީ ކޮންޓްރޯލް ކުރުން ކަމަށާއި، ހުރިހާ ރައްޔިތުންވެސް ބިރާސް (ޕެނިކް) ނުވެ ސަރުކާރުގެ އިރުޝާދުތަކަށް ބޯލަނބަން ނަސޭހަތްތެރިވާ ކަމަށެެވެ.

69 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ތައިލޭންޑަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް ގޮސް އުޅޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.