އިނގިރޭސިވިލާތުން މިއަދު އެކަނިވެސް ކޮވިޑް-19 ޖެހިގެން އިތުރު 87 މީހަކު މަރުވެއްޖެއެވެ. އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 422 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ދެންމެ އާއްމު ކުރި މައުލޫމާތުތައް ބުނާ ގޮތުގައި މިއަދު މަރުވި މީހުންގެ ތެރެއިން 83 މީހަކު މަރުވީ އިގްލެންޑުންނެވެ. ދެމީހަކު ސްކޮޓްލޭންޑުން މަރުވިއިރު ވޭލްސް އާއި ނޮދަން އައިލެންޑުން ވެސް ދެމީހަކު މަރުވެފައި ވެއެވެ.

އިނގިރޭސިވިލާތުން މިއަދު އިތުރު 1427 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 8077 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު މިއަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައި މިވަނީ އިނގިރޭސިވިލާތް ރެއިން ފެށިގެން ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވަނިކޮށެވެ.

އެގައުމު ފުރަބަންދު ކޮށްފައިވަނީ ކުރިޔަށް އޮތް ތިން ހަފްތާއަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނިކުންނަށް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަން ނިކުންނަ ނަމަ، އެކަމަށް ފިޔަވަޅު އަޅާ، އެމީހަކު ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ބޭސްފިހާރަތައް ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއް ބަންދުކުރަން ވެސް ބޮޑުވަޒީރު ޖޯންސަން ވަނީ އަމުރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އަލްޙަމްދުލިﷲ ! ޒަޔަނިސްޓް އިޒްރާއީލް އުފަންކުރުވި އިނގިރޭސީންނަށް ގެއްލުމާއި ހަލާކު ހުރި !