ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 114 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް އެމެރިކާ އިން ވަނީ 667 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މިއަދު އެމެރިކާ އިން 7944 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ މިހާތު 51678 އަށް އަރައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަހު ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާކަމަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ގެންދަނީ ބުނަމުންނެވެ.

ނަމަވެސް ޓްރަމްޕާއި، ރިޕަބްލިކަނުން ބުނާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޑިމޮކްރަޓިކުން ދައްކަމުން ގެންދަނީ ދޮގު ވާހަކަތަކެކެވެ. އެވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދެމުންދާ ކަމަށް ރިޕަބްލިކަނުން ބުނެއެވެ.

ކޮވިޑް-19 އިން ސަލާމަތްވާން ތިން މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ރޭ ވަނީ ބުނެފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ ކޮވިޑް-19 އާއި ގުޅިގެން ޕެންޓަގަން އިން ޕްލޭންތަކެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު މީޑިއާ އާއި ބައްދަލުކޮށް ވާހަކަދައްކަމުން ބުނީ ބަލި ޖެހެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އަލުން އެމެރިކާ ހުޅުވާލެވޭ ވަރު ވާނެ ކަމަށެވެ.

ޓްރަމްޕް ލަފާކުރަނީ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން ޕަންޖާބްގަ

    އަހެރަމެން މިތިބީ އިންޑިޔާ ޕަންޖާބުގަ މިތަނުން މާލެ ގެންގޮސްދީ.

  2. ވަހުތާނު އަހުމަދު

    ގަދަބަސްބުނެ އަބަދުވެސް ގަދަކަން ދައްކަމުންދާ އެމެރިކާ ވެސް މިއަދު މިކަމާ ޖެހިފަ އެއްމެ ކުޑަ ގައުމެކޭ އެއްފަދަ ނޫންތޯ. އިބުރަތުން ފުރިގެންވާ އެތައް ކަމެއް މިކަމުން ފެންނަމުން އެބަދޭ

    12