ކޮވިޑް-19 ކޮންޓްރޯލް ކުރަން ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ އިން މިހާރު ވަނީ ކޮވިޑް-19 ގެ މައްޗަށް ކުރި ހޯދާފައެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ބުނާ ގޮތުގައި އެގައުމުން އިއްޔެ ވެސް އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުން ބުނީ އިއްޔެ އެގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 47 މީހުން ކަމަށާއި، އެމީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުން ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އެނބުރި ޗައިނާ އަށް ދިޔަ ޗައިނާގެ ދަރިވަރުންނެވެ.

އިއްޔެ ޗައިނާ އިން ވަނީ ކޮވިޑް-19 ޖެހިގެން 04 މީހުން މަރުވެފައެވެ. ޖަނަވަރީ 08 ވަނަ ދުވަހުން ފެށިގެން ޗައިނާގައި ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އައީ ކޮވިޑް-19 ޖެހިގެން މަރުވަމުންނެވެ. ނަމަވެސް މާޗް މަސް ފެށުނު ފަހުން މަރުވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ޗައިނާގެ ވޫހާން އިން ކޮވިޑް-19 ގެ އެއްވެސް ކޭސްއެއް ނުފެނި ފަސް ދުވަހު އޮތުމަށް ފަހު ހޯމަ ދުވަހު ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ. ނަމަވެސް އިއްޔެ ވޫހާން އިން ވެސް އެއްވެސް ކޭސްއެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހިފައި ޗައިނާގައި ތިބި މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާރު އެގައުމުގައި ބަލި ޖެހިފައި ތިބީ 4287 މީހުންނެވެ. އޭގެ ތެރެއިން 1399 މީހެއްގެ ހާލު ސީރިއަސް އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ފުރަބަންދު (ލޮކްޑައުން) ކުރި ހުބެއީ ޕްރޮވިންސް މިއަދު ވަނީ ހުޅުވާލާފައެވެ. އަދި އެންމެ ބޮޑަށް ބަލި ފެތުރުނު ވޫހާން ވެސް އޭޕްރީލް 08 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައާދަމް ނަވީން

    ކޮމެންޓް ޝެކޮދެން އެދެން

  2. ައާދަމް ނަވީން

    ފުރަތަމަ ލިޔުނު ކޮމެންޓް ޝެއާކޮދީ ، ހަގީގައް ހަޖަމް ކުރޭ ކޮއްކޮ ނަވާޒު