ޕެސިފިކްގެ އުތުރުން ކުރިލް އައިލެންޑްތައް ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މިބިންހެލުމުގެ ބާރުމިން ވަނީ 7.5 މެގްނެޓިއުޑްގައި ރެކޯޑް ކުރެވިފައެވެ. ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް މިހާރު ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ.

ބިންހެލުން އައީ ޖަޕާންގެ އުތުރުން އޮންނަ ކުރިލް ޗެއިން ސަރަހައްދަށެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 56 ކިލޯމީޓަރު އަޑިއަށެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު ސުނާމީ އިންޒާރުގައި ބުނީ 1000 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީ އަރާފާނެ ކަމަށެވެ. ނަމަވެސް ބިންހެލުން އައިތާ އިރުކޮޅެއް ފަހުން ވަނީ ސުނާމީއެއް އުފެދިފައި ނުވާތީ ސުނާމީގެ އިންޒާރު އުވާލާފައެވެ.

ސުނާމީއެއް އުފެދުނު ނަމަ އެމެރިކާގެ ހަވާއީ އަށާއި، ޖަޕާންގެ ބައެއް ރަށްތަކަށާއި ރަޝިއާގެ އައްސޭރި ފަށަށް ވެސް ސުނާމީގެ އަސަރު ކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ސުނާމީއެއް އުފެދުނު ނަމަވެސް އުފެދޭނީ 0.3 މީޓަރުގެ ރާޅުތައް ކަމަށް އޮތީ ލަފާކޮށްފައެވެ.

މިއަދު ބިންހެލުން އައި ސަރަހައްދަކީ އާއްމު ގޮތެއްގައި ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެއް ނޫނެވެ. ނަމަވެސް 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ބާރުގަދަ ދެ ބިންހެލުމެއް އެސަރަަހައްދަށް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު