މެލޭޝިއާގެ ފުރަބަންދުގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭގެ ބޮޑުވަޒީރު މުހިއްދީނު ޔާސީން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި މަހުގެ 18 އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ގައުމުގައި މީހުންނަށް އަރާ ނުފޭބޭ ގޮތަށް ފުރަބަންދުކުރަން ނިންމި ނިންމުން އަންނަ މަހުގެ 14 އާ ހަމައަށް ދިގު ދަންމާލަން ނިންމާފައިވާ ކަމަށެވެ.

މެލޭޝިއާގެ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ، ބުދަ ދުވަހު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވެފައިވާ 172 ކޭސް ފެނިފައިވާ ކަމަށާއި އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 1796 އަށް އަރާފައިވާ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އާންމުންނަށް ބޭނުންވާ ތަކެތި މަދު ނުވާ މިންވަރަށް ހުރިކަމާއި ކޮވިޑް-19 ފެތުރިދާނެ ހިސާބުތަކުގައި އެ ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މެލޭޝިއާ ފުރަބަންދު ކުރުމާ ގުޅިގެން، އެ ފިޔަވަޅުގެ ދަށުން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވައި، އެހެން ހުރިހާ ތަންތަނެއް ބަންދުކުރަން ވަނީ އަންގައިފައެވެ.

އޭރު އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވީ ހާލަތު އިތުރަށް ގޯސްވަންދެން މަޑުކުރެވޭކަށް ނެތް ކަމަށާއި މީހުން އެއްތަނުން އަނެއްތަނަށް ދިއުން ހުއްޓުވައިގެން ނޫނީ އެ ބަލި ފެތުރުން ނުހުއްޓުވޭނެ ކަމަށެވެ.

ހުކުރު ނަމާދު ކުރުމުގެ އިތުރުން މެލޭޝިއާގެ މިސްކިތެއްގައި އެއްވެސް ދީނީ ހަރާކާތެއް ހިންގުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އަސާސީ ހިދުމަތްތައް ދެމުންދާ ތަންތަން ފިޔަވައި، ސަރުކާރާއި އަމިއްލަ ކުންފުނިތައް ބަންދުކުރަން ސަރުކާރުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު