އިޓަލީގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން ޗައިނާގެ ސިއްހީ މާހިރުންގެ ތިން ވަނަ ގްރޫޕެއް އިޓަލީ އަށް ފޮނުވާލައިފިއެވެ.

"ޒިންހުއާ ނެޓް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަހަރު ޗައިނާއިންފޮނުވީ 14 މީހުންގެެ ޓީމެކެވެ. އެމީހުން ފުރާފައި ވަނީ ޗާޓާޑް ފްލައިޓެއްގައި އެ ގައުމުގެ ފުޖިއަން ޕްރޮވިންސުން ކަމަށާއި، އިޓަލީއަށް އެމީހުންނަށް ދެވިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިފަހަރު ފުރައިގެން އިޓަލީއަށް ގޮސްފައި ވަނީ ފުޖިއަން ޕްރޮވިންސާއި އަންހުއި ޕްރޮވިންސްގެ އެކި ހޮސްޕިޓަލުތަކުގައި އުޅެމުންދާ ސިއްހީ މާހިރުންގެ ތެރެއިން ބަޔަކު ކަަމަށްވެއެވެ.

މިފަހަރު ފުރައިގެން ދިޔަ ޓީމުގައި ހިމެނެނީ، ދިފާއީ ނިޒާމަށް ހާއްސަ ޑަކްޓަރުންނާއި، އެތެރެހަށީގެ ބަލިތަކަށްް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި އެކި ކަހަލަ އިންފެކްޝަންތަކަށް ފަރުވާދޭ ޑޮކްޓަރުންނާއި، ޗައިނާގެ ބޭސް ވެރިކަމަށް ހާއްސަ ނަރުހުންތަކެއް ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ޓީމުން ހާސިލް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، އިޓަލީގެ ހޮސްޕިޓަލްތަކުގެ ފަރުވާދީ ބަލިން ފަސޭހަކުރާ މިންވަރު ކުރިއަށްވުރެ އަވަސް ކުރުމާއި، ޗައިނާ ޑޮކްޓަރުންގެ ތަޖުރިބާ އިޓަލީގެ ޑޮކްޓަރުންނަށް ހިއްސާކުރުން ހިމެނެއެވެ.

މީގެއިތުރުން އެ ޓީމުން ވަނީ، ޗައިނާގެ ބޭސް އިޓަލީގައި ދިރިއުޅެމުން އަންނަ ޗައިނާގެ މީހުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ވެސް ނިންމައިފައެވެ. އެޓީމުގެ މަސަައްކަތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަަމަށްވެއެވެ.