ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހުންގެ ސާމްޕަލްތައް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސޭންޑީސް ބަތަލާ ރިސޯޓުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުން މިހާރު ނެގިފައި ކަމަށެވެ.

މިރޭ ނައްސި ވެފައި ވަނީ ކިތައް ސާމްޕަލް ކަމެއް އެޗްޕީއޭ އިން ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ ސޭންޑީސް ބަތަލާ ރިސޯޓުން ނެގި ސާމްޕަލްތަކެއްގެ ޓެސްޓްތައް ނައްސި ވެފައިވާ ކަމަށެވެ.

ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހަކު ރޭ ވެސް ނައްސި ވިއެވެ. ބަތަލާ ރިސޯޓުން މިހާތަނަށް 02 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައި ވެއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައި ވެއެވެ. އޭގެ ތެރެއިން 8 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ 05 މީހަކަށެވެ. އޭގެ ތެރެއިން އެކަކު އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެހެން މީހުން ތިބީ ސަރުކާރުގެ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.