އިނގިރޭސިވިލާތުން ހަންގޭރިއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމެބެސެޑަރ ސްޓީވެން ޑިކް ކޮވިޑް-19 ޖެހިގެން އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 37 އަހަރުގެ ސްޓީވް އަވަހާރަވީ އަންގާރަ ދުވަހު އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން އެކަން ހާމަކުރީ މީގެ އިރުކޮޅެއް ކުރިންނެވެ.

އޭނާ އަށް ކޮވިޑް-19 ޖެހުނީ ހަންގޭރީގައި ހުންނަވަނިކޮށެވެ. އަވަހާރަވީ ހަންގޭރީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ހަންގޭރީގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގެ ޑެޕިއުޓީ ހެޑްގެ މަގާމު ސްޓީވް އަދާކުރައްވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެންނެވެ.

ސްޓީވް 2005 ވަނަ އަހަރު ވަޒީފާގެ މާހައުލަށް ނިކުމެވަޑައިގެން ފުރަތަމަ އަދާކުރެއްވީ ބޭންކް އޮފް ސްކޮޓްލޭންޑްގެ ގްރެޖްއޭޓް ޓްރޭނީއެއްގެ ވަޒީފާއެވެ. އޭގެ ތިން އަހަރު ފަހުން އޭނާ ވަނީ ފޮރިން އެންޑް ކޮމަންވެލްތު އޮފީހާއި ގުޅިވަޑައިގެންފައެވެ.

އޭނާ ވަނީ އަރަބި ބަސް ދަސްކުރައްވައިގެން ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގައި ވެސް ތިން އަހަރު މަސައްކަތް ކުރައްވާފައެވެ. ސައުދީގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ 2011 ވަނަ އަހަރުގެ އެވެ. އޭގެ ފަހުން އޭނާ އިރާޤުގެ ވެރިރަށް ބަގުދާދުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގައި ވެސް މަސައްކަތް ކުރެއްވެވިއެވެ.

ސްޓީވް އަވަހާރަވުމުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާން ވަނީ ހިތާމަފާޅުކުރައްވާ، އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ.

"ސްޓީވާއި އެކު މަސައްކަތް ކުރި ހުރިހާ އެންމެން ވެސް އަބަދަށް އޭނާގެ ޚިދުމަތްތައް ހަނދާން ކުރާނެ. އޭނާ އަކީ މަސައްކަތުގެ އަޙްލާޤު ރަނގަޅު ބޭފުޅެއް. އޭނާގެ ގާބިލްކަމާއި ކުޅަދާނަ ކަމާއި މެދު އިތުރަށް ސުވާލު ނުއުފެއްދޭ މިންވަރަށް އޭނާ މަސައްކަތް ކުރެއްވި." ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަގިީ

    الحمدلله

    4
    5