ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 231 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ފްރާންސުން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެ އާއި ބަލާއިރު މިއަދު ކުޑަތަންކޮޅެއް މަދެވެ. އިއްޔެ ފްރާންސުން ވަނީ 240 މީހުން މަރުވެފައެވެ.

ފްރާންސް ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1331 އަށް އަރާފައެވެ. މިއަދު 2929 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ފްރާންސުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މިހާތަނަށް ފްރާންސުން 25233 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ރަނގަޅުވީ 3900 މީހުންނެވެ.

ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ކަމަށް ބުނެ ހާމަކުރަމުން ގެންދާ އަދަދަށް ވުރެ މާގިނައިން ހަޤީޤަތުގައި މީހުން މަރުވެފައި ވުން އެކަށީގެންވާ ކަމަށް ފްރާންސްގެ ހޮސްޕިޓަލްތައް ހިމެނޭ ފްޑްރޭޝަންގެ ރައީސް ފެޑްރިކް ވެލެޓޮކްސް މިއަދު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މުސްކުޅިން ބަލަހައްޓާ ބައެއް ތަންތަނުގައި ވެސް ކޮވިޑް-19 ޖެހިގެން ބައެއް މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށާއި، އަދި ބައެއް މީހުން އަމިއްލަ ގޭގައި ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަކީ ކޮވިޑް-19 ޖެހިގެން މަރުވި މީހުން ކަމަކަށް ސަރުކާރުން ރަސްމީކޮށް ކަނޑައެއް ނާޅައެވެ.

ފްރާންސްގެ ބައެއް މީޑިއާތަކުން ވެސް ވަނީ ފްރާންސްގެ އިރުމަތީގައި ހުންނަ މުސްކުޅިން ބަލަހައްޓާ ތަނަކުން 15 މީހަކު އަދި ޕެރިސްގައި ހުންނަ މުސްކުޅިން ބަލަހައްޓާ ތަނަކުން 39 މީހަކު ކޮވިޑް-19 ގެ އަލާމާތްތައް ފެނުމަށްފަހު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. ނަމަވެސް އެއީ އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ތަންތަން ކަމުން އަދި މިހާތަނަށް ސަރުކާރަށް އެމައުލޫމާތު ރަސްމީކޮށް ލިބިފައި ނެތް ކަމަށް ވެއެވެ.

ފްރާންސުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ގާތްގަނޑަކަށް 26 އިންސައްތަ އިތުރުވަމުންދާ ކަމަށް ވެއެވެ. މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފްރާންސް ވެސް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް އެކަމުގެ އަސަރު ފެންނަން ފަށާނީ ދެހަފްތާ ފަހުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.