ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވިހިހާސް ފަހަނައަޅައި ހިނގައްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ކޮވިޑް-19 ޖެހިގެން މިހާރު 20818 މީހުން މަރުވެއްޖެއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ވެސް މުޅި ދުނިޔެއަށް ބަލާއިރު މިހާރު ވަނީ އުފުލިފައެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން 4.4 އިންސައްތަ މީހުން މަރުވާ ކަމަށް މިހާރު ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އެކި ގައުމުތައް ވަކިވަކިން ބަލާއިރު މިއަދަދު ބައެއް ގައުމުތަކުގައި ދަށެވެ. އަދި ބައެއް ގައުމުތަކުގައި މިއަށްވުރެ މާމައްޗަވެ.

މިހާތަނަށް 459168 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. 113776 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު މިހާރު ވެސް 324574 މީހަކު ބަލީގެ ވޭން ތަހައްމަލް ކުރަމުން އެބަގެންދެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާ މިހާރު އާއްމު ހާލަތަކަށް ރުޖޫޢަ ވަމުން އަންނަ ކަމުގެ ނިޝާންތައް ފެނުނު ނަމަވެސް އެހެން ގިނަ ގައުމުތަކުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގައި ބަލި ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

ނަމަވެސް މިހާރު އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ޗައިނާ އިން ކޮވިޑް-19 މައްޗަށް ކުރި ހޯދި ފަދައިން އެހެން ގައުމުތަކަށް ވެސް ކުރި ހޯދޭނެ ކަމުގެ އުއްމީދެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވާއިރު މިކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ލިބޭނެ ގެއްލުން އެތައް ޓްރިލިއަން ޑޮލަރަކަށް އަރާނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    ކޮވިޑް ނުޖެހުނު ނަމަވެސް ދުނިޔޭގައި 6 މަސްތެރޭގައި ވިހި ހާހަށްވުރެ ގިނަ މީހުން މަރުވާނެ . 2019 ވަނަ އަހަރު ކޮވިޑް ނެތީސްވެސް މަރުވި 60 މިލިއަން މީހުން މުޅި ދުނިޔޭން.. ގޫގްލް އިން ތަފާސް ހިސާބުތައް ބަލާބަލަ މީ ދޮގެއްތޯ ؟

    1
    1
  2. ސޮނިފުހޭ

    މި ކަމުން ދޭހަވަނީ އިންސާނުންގެ ނިކަމެތި ކަމާއި އާރެއްބާރެއް ނެތްކަމެވެ ﷲ ފިޔަވާ ނަސްރު ދޭނެ ފަރާތެއް ނުވާ ކަމެވެ މުޅި ދުނިޔެ މިވަނީ ހަމަ ލޮލަށް ނުފެންނަ ކުޑަ ކުޑަ މަޚްލޫގެއްގެ ކުރިމަތީ ގޮތްހުސްވެ މާޔޫސްވެފައެވެ ކިބުރު ވެރިކަމާ ބޮޑާ ކަމުގެ ދެ މާރިޖް އެމެރިކާ އާއި އިޒްރޭލް ވެސް މިވަގުތު އެވަނީނިކަމެތިވެ ކުޑަކަކުލަށް ތިރިވެފައެވެ