ކޮވިޑް-19 ޖެހިގެން ޕެނަމާ އިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް ރަސްމީކޮށް ގައުމުތަކުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު މަރުވި އުމުރުން އެންމެ ހަގު ކުއްޖާ އެވެ. ނަމަވެސް ބައެއް ގައުމުތަކުން މަރުވާ މީހުންގެ އުމުރު ހާމަނުކުރާތީ، މިއަށްވުރެ އުމުރުން ހަގު ކުއްޖަކު މަރުވެފައި ވުން ވެސް އެކަށީގެންވެއެވެ.

ޕެނަމާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކުއްޖާ މަރުވީ ޖޯޖަސް މެމޯރިއަލް އިންސްޓިއުޓްގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ. އެކުއްޖާ މަރުވީ ކޮވިޑް-19 ޖެހިގެންކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޕެނަމާ އިން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިގެން 08 މީހުން މަރުވެފައެވެ. އެގައުމުން މިހާތަނަށް 558 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އެގައުމުން ކޮވިޑް-19 އަށް ޓެސްޓް ކުރި ކޮންމެ 10 މީހަކުން 09 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެހެންކަމުން ޓެސްޓް ކުރުން އިތުރުކޮށްފިނަމަ އަދިވެސް އިތުރު އެތައް ބަޔަކަށް ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް-19 ފެތުރެން ފެށިއިރު ބަލި ޖެހިގެން ހާލު ސީރިއަސްވި ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް މިހާރު އެކަން ބަދަލު ވަމުން އަންނަ ކަމަށް ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން 38 އިންސައްތަ މީހުންނަކީ އުމުރުން 20 އަހަރާއި 54 އަހަރާއި ދެމެދުގެ މީހުންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކުރަނީ ހާލަތު ގޯސް މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ހާލަތު ގޯސްވާ ޒުވާނުންގެ އަދަދު އިތުރުވަމުން ދާތީ އެމެރިކާ އިންނާއި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު