ކޮވިޑް-19 އަށް ޓެސްޓު ކުރަން ހާއްސަ ކިޓެއް އީރާނުން އުފައްދައިފި އެވެ.

އީރާނުން ބުނީ، އެގައުމުގެ ކުންފުންޏަކުން އުފެއްދި ކިޓް މިހާރު ބައިނަލްއަގްވާމީ ބާޒާރަށް ވިއްކަން ތައްޔާރުވެފައިވާ ކަމަށެވެ.

އަދި ހަފްތާއަަކު 80،000 ކިޓް އުފެއްދުމުގެ ގާބިލްކަން އެ ކުންފުންޏަށް ލިބިފައިވާ ކަމަށްވެސް އީރާނުން ބުނެއެވެ.

ޕިޝްޓޭޒް ޓެބް ޒަމަން ޑަޔޮގްނަސްޓިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ވާހިދް ޔޫނެސި ބުނެފައިވަނީ އެ ކުންފުނީގެ ދިރާސާ ހަދާ ޓީމާއި ގުޅިގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކިޓް ތައްޔާރު ކުރަން ފަށާފައިވަނީ މިދިޔަ މަހު އެގައުމުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން ކަމަށެވެ.

އޭނާ ބުނެފައިވަނީ ޓެސްޓް ކިޓު ބޭނުންވާ ލެބޯޓަރީ ތަކަށް ކޮންމެ ހަފްތާއަކު 80,000 ކިޓް ދެވިދާނެ ކަމަށެވެ. އަދި އަންނަ މަހު ހަތަރު ލައްކަ ކިޓް ފޮނުވާލުމުގެ ގާބިލުކަން ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މި ކިޓް ބޭނުން ކޮށްގެން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހުން، އެ ވައިރަސް އަށް ޕޮޒިޓިވް ވެފައިވޭތޯ ބެލެވޭނެ." ޔޫނެސި ބުނެފައިވެއެވެ.

ޓެސްޓް ކިޓު ތައްޔާރު ކޮށްފައިވީ ނަމަވެސް މިހާރު ގައުމުތަކަށް ނުފޮނުވާ މަޑުކޮށްގެން ތިބީ އެގައުމުގެ ހެލްތް މިނިސްޓްރީން އަދި ރަސްމީކޮށް އެ ކިޓް ފޮނުވާލުމަށް ހުއްދަ ދީފައި ނުވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހުއްދަ ލިބުނުހާ އަވަހަށް ޓެސްޓް ކިޓު ފޮނުވާލެވޭނެ ކަމަށް އޭނާ ބުންޏެވެ.

އީރާނުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 2,077 މީހަކު މަރުވެފައިވާއިރު އެ ބަލި ޖެހުނު މީހުންގެ އަދަދު 27,000 އަށްވުރެ ގިނައެވެ.