ދެކުނު ކޮރެއާއިން ކޮވިޑް-19 ޖެހުނު އުމުރުން 97 އަހަރުގެ އަންހެނަކު އެއްކޮށް ރަނގަޅުވެއްޖެއެވެ.

އެއީ އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެއްކޮށް ރަނގަޅުވި އެންމެ އުމުރުން ދުވަސްވީ މީހާއެވެ. އެމީހާ މިހާރު ވަނީ ކަރަންޓީން ފެސިލީން ދޫކޮށްލާފައެވެ.

އެ ގައުމުގެ ރިޕޯތްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ ޗިއޮންގްޑޯ އަށް ނިސްބަތްވާ މީހެކެވެ. އޭނާ މިހާރު ވަނީ އެނބުރި އޭނާ ދިރިއުޅޭ ތަނަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 4144 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރެއިން މި އަންހެން މީހާއަކީ ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި އެންްމެ ދުވަސްވީ މީހާއެވެ.

އެ ގައުމުން މިއަދު ހާމަކުރި އިއްޔެ ފައްސިވި މީހުންގެ މައުލޫމާތަށް ބަލާއިރު، އެ ގައުމުން އިތުރު 104 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިބެފައެވެ. އެއާއެކު އެ ގައުމުން މިހާރު މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 9241 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު 132 މީހަކު މަރުވެފައިވާއިރު، އިތުރު 56 މީހެއްގެ ހާލު ވވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ ބަޔަކު ރަނގަޅުވެފައި އެބަހުއްޓެވެ.

އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނެވެ.