ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވައިރަސް ކޮވިޑް-19ގެ ސަބަބުން ނެދަލޭންޑުން އަނެއްކާވެސް އިތުރު 78 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގައި މިހައިތަނަށް ޖުމްލަ 434 މީހަކު މަރުވެފައިވާއިރު އިތުރު 1019 މީހަކު ވަނީ އަލަށް ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައެވެ. މިއާއިއެކު ނެދަލޭންޑުން ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 7431ށް އަރާފައެވެ. އެ ގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި މިވަގުތު 434 މީހަކަށް ފަރުވާ ދެމުން އަންނައިރު މިހައިތަނަށް ރަނގަޅުވެފައި ވަނީ އެންމެ 3 މީހުންނެވެ.

ޔުރާޕްގެ ގައުމުތަކުން ކޮވިޑް-19 ވަައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ކޮންމެ ދުވަހަކުވެސް ވަައިރަހަށް ފައްސިވާ މީހުންނާއި ވައިރަހުގެ ޝިކާރައަކަށްވެ މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ނެދަލޭންޑުގައި މި ވައިރަސް ފެތުރެން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގައުމުން އެންމެ ފުރަތަމަ ފައްސިވި މީހާ އައިސްފައި ވަނީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ އިޓަލީގެ ލޮމްބާޑީ އިންނެވެ. އެ ދުވަހަށް ފަހުގައި ކޮންމެ ދުވަހަކުވެސް އެ ގައުމުގައި ވައިރަހަށް މީހުން ދަނީ ފައްސިވަމުންނެވެ.

މުޅި ދުނިޔެއިން މިހައިތަނަށް 499،125 މީހުން ފައްސިވެފައި ވާއިރު މާދަމާ މި އަދަދު 5 ލައްކަ އަށް އަރާނެކަމަށް ލަފާކުރެވެއެވެ. ވައިރަހުގެ ޝިކާރަ އަކަށްވެ މިހައިތަނަށް 22،309 މީހަކު މަރުވެފައިވާއިރު ފަރުވާ ދީގެން 121،194 މީހަކު ވަނީ ރަނގަޅު ކުރެވިފައެވެ.