ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 503218 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

މިހާތަނަށް 22340 ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. 121227 މީހުން ބަލިން ރަނގަޅު ވެފައި ވާއިރު 18171 މީހެއްގެ ހާލު ސީރިއަސްއެވެ. ހާލު ސީރިއަސްވާ މީހުންގެ އަދަދު ވަރަށް އަވަހަށް ވަރަށް ބޮޑަށް އިތުރުވަމުން އެބަދެއެވެ.

މިހާރު ކޮންމެ ދުވަހަކު ވެސް 40000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވަމުން އަންނަތާ ތިން ދުވަސް ވެއްޖެއެވެ. މިއަދު ވެސް މިހާތަނަށް 32251 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާ އިން 6857 މިއަދު މިހާތަނަށް ފައްސިވެއްޖެއެވެ. އެމެރިކާ މިއަދު މިހާތަނަށް 53 މީހުން މަރުވެއްޖެއެވެ. މިއަދު މިހާތަނަށް ސްޕޭނުން 6682 މީހަކު ފައްސިވެ، 498 މީހަކު މަރުވެއްޖެއެވެ. މިއަދު އަދި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސްޕޭނުންނެވެ. ޖަރުމަންވިލާތުން މިއަދު މިހާތަނަށް 6323 މީހަކު ފައްސިވެ، 33 މީހަކު މަރުވެއްޖެއެވެ. އީރާނުން މިއަދު މިހާތަނަށް 2389 ފައްސިވެ 157 މީހަކު މަރުވެއްޖެއެވެ.

އިޓަލީވިލާތުންނާއި ފަރަންސޭސިވިލާތުން މިއަދު ފައްސިވި މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދުތައް އަދި އެގައުމުތަކުގެ ސަރުކާރުތަކުން އިއުލާނެއް ނުކުރެއެވެ.

މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ވެފައި އޮތް ސިންގަޕޫރުން މިއަދު އިތުރު 51 މީހަކު ފައްސިވެ، އަނެއްކާވެސް އެގައުމުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޖަޕާނުން ވެސް މިއަދު 92 މީހަކު ވަނީ ފައްސިވެފައެވެ. ޖަޕާނުން ވެސް ފަހަކަށް އައިސް ކޭސްތައް ފެންނަވަރު އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮވިޑް-19 ފެތުރުން އިތުރަށް ހަލުވި ވަމުން އަންނާތީ ކަންބޮޑުވުމާއި، ހާސްކަން އަންނަނީ ހައްތަހާ އިތުރުވަމުންނެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޭސްތައް އިތުރުވަމުން ދިއުމުގެ މާނައަކީ ގައުމުތަކުން ޓެސްޓް ކުރުން އިތުރު ކުރުން ކަމުގައި ވެސް ވެދާނެއެވެ. އެހެންކަމުން މިހާރު ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ވަރަށް އަވަހަށް ކޭސްތަކުގެ އަދަދުތައް މަދުވާން ފަށާފާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު