ފްރާންސުން ކޮވިޑް-19 ޖެހިގެން މިއަދު އެކަނިވެސް 365 މީހުން މަރުވެއްޖެއެވެ. މިއަދު ފްރާންސުން އިތުރު 3922 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

އެހެންކަމުން މިއަދަކީ ފްރާންސުން އެންމެ ގިނަ މީހުން މަރުވެ، އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މީގެ ކުރިން ފްރާންސުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވީ އަންގަރަ ދުވަހު އެވެ. އަންގާރަ ދުވަހު އެގައުމުން 240 މީހުން މަރުވިއެވެ. އެންމެ ގިނަ މީހުން މީގެ ކުރިން ފައްސިވީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު 3838 މީހުން ފައްސިވިއެވެ.

ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1696 އަށް އަރާފައެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 4948 މީހަކު ވަނީ މިހާރު ރަނގަޅު ވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3375 މީހުންގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދު އޮތް އެއް ގައުމު ކަމަށްވާ ފްރާންސްގެ އިޤުތިޞާދަށް ވެސް މިހާރު ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރު ކުރަން ފަށާފައެވެ. މިއަދު ފްރާންސްގެ ހިއްސާގެ ބާޒާރުގެ އަތުގައް ވަނީ 1980 ވަނަ އަހަރު ދަށަށް ދިޔަ ވަރަށް ދަށަށް ގޮސްފައެވެ.

އިޤުތިޞާދަށް ލިބެމުންދާ ގެއްލުން ކުޑަކުރަމަށް ފްރާންސްގެ މަރުކަޒީ ބޭންކުން މިހާރު ވަނީ 300 ބިލިއަން ޔޫރޯގެ ޕެކޭޖެއް ތަޢާރަފް ކޮށްފައެވެ. ނަމަވެސް ތަޖުރިބާކާރުން ގެންދަނީ މިވަގުތު އިޤުތިޞާދު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވުރެ ރަނގަޅީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ކަމަށް ބުނަމުންނެވެ. މިހާރު ފްރާންސް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތްނަމަވެސް އަދިވެސް ބަލި ކޮންޓްރޯލް ވަމުންދާތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު