ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 113 މީހުން މަރުވެއްޖެއެވެ. މިއަދު އިނގިރޭސިވިލާތުން އިތުރު 2129 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ.

އެހެންކަމުން މިއަދަނީ އިނގިރޭސިވިލާތުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވެ، އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން އިނގިރޭސިވިލާތުން ފައްސިވީ އިއްޔެ އެވެ. އިއްޔެ އެގައުމުން 1452 މީހުން ފައްސިވިއެވެ. އެންމެ ގިނަ މީހުން އިނގިރޭސިވިލާތުން އެއް ދުވަސް ތެރޭގައި މީގެ ކުރިން މަރުވީ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު 87 މީހުން މަރުވިއެވެ.

މިހާތަނަށް އިނގިރޭސިވިލާތުން 11658 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 578 އަށް އަރާފައެވެ. އަދި މިހާތަނަށް އެގައުމުން ރަނގަޅުވީ އެންމެ 135 މީހުންނެވެ.

އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 ކޮންޓްރޯލްނުވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު މިދިޔަ ހޮނިހިރު ދުވަހު އެގައުމު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ގައުމު ފުރަބަންދު ކުރަން ޖެހޭ ދުވަސް މިހާރު މާބޮޑަށް ފާއިތުވެ ހިނގައްޖެއެވެ. މިދިޔަ ހޯމަ ދުވަހަށް ވުރެ 10 ދުވަސް ކުރިން ހަޤީޤަތުގައި އިނގިރޭސިވިލާތް ފުރަބަންދު ކުރަން ޖެހޭ ކަމަށާއި އެހެން އެކަންތައް ކުރިނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިޓަލީވިލާތުގެ މިލާނުން ސްޕޭންގެ ވެލެންސިއާ އަށް ފުޓްބޯޅަ މެޗެއް ބަލަން ދަތުރު ކުރި މީހުން އިނގިރޭސިވިލާތުގެ ރޭލްތައް ބޭނުން ކުރި ކަމަށް މިހާރު ވަނީ ރިޕޯޓް ލިބިފައެވެ. އެމީހުންގެ ފަރާތުން އިނގިރޭސިވިލާތުގައި ބަލި ފެތުރިގެން ދިއުން އިތުރުވި ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެއެވެ.