ޗައިނާ އަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށް، ވިސާ ދޫކުރުން ހުއްޓާލައިފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ޗައިނާ އިން އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކުރިއިރު ކޮވިޑް-19 އަށް ޗައިނާ އިން މިހާރު ފައްސި (ޕޮޒިޓިވް) ވަމުންދާ ގިނަ މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވާ މީހުންނެވެ. އިއްޔެ ވެސް ޗައިނާ އިން 55 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއިރު އޭގެ ތެރެއިން 54 މީހުންނަކީ އެހެން ގައުމުތަކުން އެތެރެވި މީހުންނެވެ.

ޗައިނާ އިން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި ވާއިރު ޗައިނާގެ ޕާމަނަންޓް ރެސިޑެންސް ވިސާ އޮންނަ މީހުންނަށް ވެސް ދެން ޗައިނާ އަށް އެތެރެއެއް ނުވެވޭނެއެވެ. އެހެން ގައުމަކަށް ނިސްބަތްވާ ނަމަވެސް ޗައިނާގެ ޕާސްޕޯޓް އޮތް މީހުން ވެސް ޗައިނާ އަށް އެތެރެވުން ވަނީ މަނާ ކޮށްފައެވެ. މިހާރު ޗައިނާއަށް އެތެރެވެވޭނީ ހަމައެކަނި ޗައިނާ ޕާސްޕޯޓް އޮންނަ މީހުންނަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ވަގުތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި، ވަރަށް އަވަހަށް މިފިޔަވަޅެއް ބަދަލެއް ގެނެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ބޭރު މީހުންނަށް ވިސާ ދިނުން ޗައިނާ އިން ހުއްޓާލި ނަމަވެސް އަދިވެސް ޑިޕްލޮމެޓުންނާއި އިންޓަނޭޝަނަލް އެއާލައިންތަކުގެ ކްރޫން ޗައިނާ އަށް އެތެރެވުމުގައި އެއްވެސް ހުރަހެއް ނެތެވެ.

ޗައިނާ އަށް އެތެރެވާ ބައެއް މީހުންގެ ގައިން ކޮވިޑް-19 ފެންނަމުން ދާއިރު ޗައިނާ އަށް އެތެރެވާ އެންމެން ސްކްރީން ކުރުމަށް ޗައިނާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ބެއިޖިން އާއި އެހެން ބައެއް ސިޓީތަކުން ގެންދަނީ އެތެރެވާ އެންމެން 14 ދުވަސް ވަންދެން ކަރަންޓީން ވެސް ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އަދިވެސް ޗައިނާ އަށް އެހެން ގައުމުތަކާއި ބަލާއިރު ގިނަ ބަޔަކު ދަނީ ދަތުރު ކުރަމުންނެވެ. އޭގެތެރޭގައި ގިނައީ އެހެން ގައުމުތަކުން ޗައިނާ އަށް ދަތުރު ކުރާ ޗައިނާގެ ދަރިވަރުންނެވެ.

ކުރިއަށް އޮތް ހަފްތާގައި ވެސް ޗައިނާ އަށް ދަތުރު ކުރުމަށް 1100 ފަސެންޖާ ފްލައިޓް ޝެޑިއުލް ކޮށްފައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު