އެމެރިކާގައި ބާރު މިނުގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ފިހާރައަކަށް ވަދެ ކާތަކެއްޗާ ދިމާލަށް ކެއްސައި ކުޅު ޖެހި މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން އެގައުމުގެ ފުލުހުން ނިންމައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އެގައުމުގެ ސްޓޭޓެއްކަމުގައިވާ ޕެންސިލްވޭނިއާގައެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސްޓޭޓުގައި ހުންނަ ގެރިޓީސް ސުޕަމާކެޓަށް ވަދެ ކާއެއްޗަށް ކުޅު ޖަހާފައިވަނީ މާގަރެޓް ސާކޯ، ނަމަކަށް ކިޔާ 35 އަހަރުގެ އަންހެނެކެވެ. އަދި އެމީހާ އެކަން ކޮށްފައިވަނީ "ޕްރޭންކް" ކުރުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެ ސްޓޭޓުގެ ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ އަންހެނަކު އެ ފިހާރައަށް ވަދެ، ބަލިވެ އުޅޭ ކަމަށްބުނެ އަނގަބަހުން އިންޒާރުދީ ކާތަކެއްޗާ ދިމާލަށް ކެއްސައި ކުޅު ޖެހި ކަމަށް ބުނެއެވެ. އަދި ފިހާރައިން ނުކުތުމަށް އޭނާއަށް އެންގުމުން ރާފުޅިތަކެއް ނަގަން މަސައްކަތް ކުރި ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެ ފިހާރައިގެ ވެރިފަރާތުން ބުނެފައިވަނީ އޭނާ އަތްލާފައިވާ ތަކެއްޗާއި ކުޅުގެ އަސަރުކޮށްފާނެހެން ހީވާ ހުރިހާ ތަކެއްޗެއް މިހާރު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 35،000 ޑޮލަރުގެ އަގު ހުރި މުދާ އެއްލާލަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ، މި ދުވަސްވަރު އެފަދަ އަމަލެއް "ޕްރޭންކް"އެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވީ ނަމަވެސް އެފަދަ ކަންކަމަކީ ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަން ކަމަށާއި، ގެއްލުންވިޔަސް އެ ފިހާރައިން ވިއްކާ މުދަލުގެ ކޮލިޓީ ހިފެހެއްޓުމާއި ކަސްޓަމަރުންގެ މެދުގައި ފިހާރައިގެ އަގު ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"މި ކަމާ ގުޅިގެން ކާތަކެތި އެއްލާލަން ޖެހުމަކީ ހިތާމަކުރާ ކަމެއް. މި ދުވަސްވަރު ކާތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވަމުންދާއިރު މިފަދަ ކަމެއް ހިނގައިދިއުމަކީ އަދި މާ ބޮޑަށް ދެރަވާ ކަމެއް. އަޅުގަނޑުމެން މިދަނީ މި ދަނޑިވަޅުގައިވެސް ރައްކާތެރިކަމާއެކު އެންމެނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން،" އެ ފިހާރައިން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

މާގަރެޓްގެ އެ އަމަލުތަކާ ގުޅިގެން ފިހާރައިގައި އޭނާ ހަރަކާތްތެރިވެ އުޅުނު ހުރިހާ ސަރަހައްދުތަކެއް، ހަރުގަނޑުތަކާއެކު މިހާރު ވަނީ ކެމިކަލް ބޭނުންކޮށްގެން ރަނގަޅަށް ދޮވެ ސާފުކޮށްފައެވެ.

ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށް ކޮރޯނާ ވައިރަސް އަށް ޓެސްޓު ކުރަން ނިންމާފައެވެ. އޭނާގެ މައްޗަށް ކުރަން ނިންމާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބިރުދެއްކުން ފަދަ އަމަލެއް ހިންގި ކަމުގެ ދައުވާއާއި، ވައްކަމާއި ފޭރުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވި ދައުވާއާއި ޖިނާއީ ކުށެއް ކުރި ކަމުގެ ދައުވާއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އީސާ މަސީހު

    މާގަދައިތާ ސަލާމަތެއް ނުވާނެ އަވަހަކައް ދެން ކުޅުޖަހަން ގޮޅީގައޮވޭ