އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަކަށް ކޮވިޑް-19 އަށް މީހުން ފައްސިވެ، މަރުވެއްޖެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ވަނީ ޖުމްލަ 17،230 މީހަކު ފައްސިވެފައެވެ. މިހާތަނަށް އެގައުމުން 1,607 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 312 މީހުންނެވެ.

މިހާތަނަށް އެމެރިކާއިން ޖުމްލަ 102,464 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާއިން ދެވަނައަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަބަޔަކު ފައްސިވެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެގައުމުން 17،224 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެމެރިކާއިން މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވެސް ވަނީ ހަމަ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެކަނި އެގައުމުން 268 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން ޖުމްލަ 13،355 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ލައްކައަކަށް އަރާފައިވާއިރު، އެގައުމުގެ ނިއުޔޯކްއިން އެކަނިވެސް ބައިލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެގޮތުން މިހާތަނަށް ނިއުޔޯކުން 44،810 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިހާތަނަށް ނިއުޔޯކުން ޖުމްލަ 519 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

އެމެރިކާ މިހާރު އޮތީ މުޅި ދުނިޔޭން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހުނު ގައުމުގެ ގޮތުގައި، ލިސްޓުގެ އެންމެ ކުރީގައެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިޓަލީއެވެ. އެގައުމުން މިހާތަނަށް 86,498 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މި ލިސްޓުގައި ތިންވަނައިގައި ޗައިނާ އޮތްއިރު، މިހާތަނަށް އެގައުމުން ފައްސިވެފައިވަނީ 81,340 މީހުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު މިހާތަނަށް 6 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މުޅި ދުނިޔޭން ޖުމްލަ 594,377 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް މި ބަލި ޖެހިގެން މުޅި ދުނިޔެއިން މަރުވެފައިވަނީ 27,250 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު 4.57 އިންސައްތައެވެ. މިހާތަނަށް މި ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވަނީ 133,006 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު