ދެކުނު ކޮރެއާގައި ކޮވިޑް-19 ޖެހިގެން ފަރުވާ ލިބި، ބަލިން ސަލާމަތްވި މީހުންގެ އަދަދު 4800 އަށްވުރެ އިތުރު ވެއްޖެއެވެ. މިއީ އެޤައުމުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދަށްވުރެ، މި ބަލިން ސަލާމަތްވި މީހުންގެ އަދަދު އިތުރުވެރި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެޤައުމުން ޖުމްލަ 9478 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 4811 މީހަކު މި ބަލިން ސަލާމަތްވެފައި ވާއިރު، ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 4523 މީހެކެވެ.

ދެކުނު ކޮރެއާއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ލިސްޓުގައި އެޤައުމުވެސް ހިމެނިފައި ވާއިރު، މިހާތަނަށް ފަރުވާދެމުން ދަނިކޮށް އެޤައުމުން 146 މީހަކު މަރުވެފައި ވެއެވެ. އޭގެތެރެއިން ފަސް މީހަކު މަރުވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން އިތުރު 146 މީހަކު ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެކުނު ކޮރެއާގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ 4523 މީހުންގެ ތެރެއިން 59 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެޤައުމުން އެންމެ ފުރަތަމަ މި ވައިރަސް ފެނިފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ.

ދެކުނު ކޮރެއާއަކީ ދުނިޔެއިން ދިހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އެކަނިވެސް ޖުމްލަ 104256 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.

ދެކުނު ކޮރެއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 199 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޖުމްލަ 597458 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، ވައިރަސް ޖެހިގެން 27370 މީހަކު މަރުވެފައި ވެއެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ދުނިޔެއިން 133373 މީހަކު ވަނީ ސަލާމަތް ވެފައެވެ.