ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް، ކޮވިޑް-19ގެ ސަބަބުން ނެދަލޭންޑުން އަނެއްކާވެސް އިތުރު 93 މީހަކު މަރުވެއްޖެއެވެ.

މިއަދު އެ ގައުމުން އިތުރު 93 މީހެއް މަރުވުމާއި އެކު ނެދަލޭންޑުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 639ށް އަރާފައެވެ. އަދި މިއަދު އިތުރު 1،159 މީހަކު މުޅިން އަލަށް ވައިރަހަށް ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 9،762 ށް އިތުރުވެފައެވެ.

މިހާރު މުޅި ދުނިޔެއިންވެސް އެންމެ ހަލުވިކަމާއި އެކު ވަައިރަސް ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑު ހިމެނޭއިރު، އެ ގައުމުން މިހައިތަނަށް ފަރުވާދީގެން ރަނގަޅުވެފައި ވަނީ އެންމެ 3 މީހުންކަނަ ފާހަގަކޮށްލެވެއެވެ. މިއީ މުޅި ދުނިޔެއިންވެސް ވައިރަހަށް ފައްސިވާ މީހުން އެންމެ މަދުން ރަނގަޅުވާ އެއް ގައުމެވެ.

ނެދަލޭންޑުން އެންމެ ގިނަ ބަޔަކު މަރުވެ، ފައްސިވެފައި ވަނީވެސް އިއްޔެގައެވެ. އިއްޔެ 1،172 މީހަކު ވައިރަހަށް ފައްސިވި އިރު، 112 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އަށް ފަހު ދެން އެންމެ ގިނަ ބަޔަކު މަރުވެ، ފައްސިވެފައި ވަނީ މިއަދުއެވެ.

އެ ގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި 761 މީހަކަަށް ފަރުވާ ދެމުން އަންނައިރު އެ ގައުމުން ވައިރަސް ހުއްޓުވަންް ކުރަމުން އަންނަ މަސައްކަތްތައް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މުޅި ދުނިޔެއިން މިހާރު 6 ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ މި ވައިރަހަށް ފައްސިވެފައެވެ.