ކޮވިޑް-19 ގެ ޝިކާރަ އަކަށްވެ ސްޕެއިންގެ އަމީރާ (ޕްރިންސަސް) އެއް ކަމުގައިވާ މާރިއާ ޓެރޭސާ އަވަހާރަ ވެއްޖެއެވެ.

އުމުރުން 86 އަހަރުގެ ޓެރޭސާ ވައިރަހުގެ ޝިކާރަ އަކަށްވެ އަވަހާރަވެފައި ވާއިރު މިއީ މުޅި ދުނިޔެ އިންވެސް ވައިރަސް ޖެހިގެން ޝާހީ އާއިލާ އެއްގެ މެމްބަރަކު މަރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޓެރޭސާ އަކީ ސްޕެއިންގެ ޝާހީ އާއިލާ އެއް ކަމުގައިވާ ބޯބަން ޕަރްމާ އަށް ނިސްބަތްވާ ފަރާތެއް ކަމުގައިވާއިރު، ޓެރޭސާ އިއްޔެގެ ވަގުތެއްގައި އަވަހާރަ ވެފައިވާކަން ހާމަ ކުރެއްވީ އެ އާއިލާގެ އަމީރެއް (ޕްރިންސްް) އެއް ކަމުގައިވާ ސިކްސްޓަސް ހެންރީ އެވެ. ހެންރީ އަކީ ޓެރޭސާގެ ކޮއްކޮއެވެ.

ޓެރޭސާ އަވަހާރަވި އިރުގައި އެކަމަނާގެ އެއްވެސް ދަރިޔަކު ނެތެވެ. މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް، ރާނީ އެލިޒަބެތް އަށް ފަހުގައި އެ ގައުމުގެ ތަހުތާއި ހަވާލުވުމަށް ހަމަޖެހިފައިވާ ޕްރިންސް ޗާލްސްގެ ހާލު ސީރިއަސް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިރަސް ޖެހިގެން ސްޕެއިން އިން މިހައިތަނަށް 5،690 މީހަކު މަރުވެފައި ވާއިރު، އިތުރު އެތައް ހާސް ބަޔަކު ވަނީ ވައިރަހަށަ ފައްސިވެފައެވެ. އަދި ވައިރަސް ދަނީ ހުއްޓުމެއް ނެތި ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުޅުލޭ ބޮޑުމީހާ

    ކޮވިޑް 19 އަންގައިދޭ އެއްކަމަކީ ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއްކަން. މޮޅެއް ދެރައެއް ކޮވިޑް 19 އެއް ނުބަލާނެކަން..ހަސަބަކަށް ނަސަބަކަށް ނުބަލާނެކަން

    45
  2. އެލެކްސް

    ޝާހީ އާއިލާއަކަށްވެސް ފޮރޮވިގެން ނުތިބެވޭނެ!

    33
  3. ޟަގުބަރަަ

    ސާހީއާއިލާ އެއް ވީމަ އަވަހާރަ ވީ އެހެން މީހުން ކޮވިޑު ގަ މަރު ވީ .........

    9
    1
  4. Anonymous

    ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑީ އެންމެ ތަޤްވާވެރި މީހާ. ހެޔޮ ޢަމަލުތައް އިތުރު ކުރޭ
    ޓިޝޫ ރޯލްކުޅޭ ވަރަށް ވުރެ ސީރިއަސް ކަމެއް މީ.

    15