އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެޤައުމަށް މި ބިންހެލުން އައިސްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ބިންހެލުން އައީ އިންޑޮނީޝިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވެސީއަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި ސުލަވެސީއަށް މި ބިންހެލުން އައީ ބިމުގެ 30 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު އަދި ނެރެފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުލަވެސީއަށް ލިބުނު ގެއްލުމެއްވެސް އަދި އެނގިފައެއް ނުވެއެވެ. މި ބިންހެލުމަށްފަހު ވެސް ސުލަވެސީއަށް ލޮޅުންތައް އަންނަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ސުލަވެސީއަކީ 2018 ވަނަ އަހަރު ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ރަށެކެވެ. ރެކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އެފަހަރު އައި ބިންހެލުމަށްފަހު ގެއްލުންބޮޑު ސުނާމީއެއް އުފެދިފައި ވެއެވެ. އެ ކާރިސާގައި 4300 އަށްވުރެ ގިނަ މީހުން މަރުވެ ދިހަ ހާހަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. އަދި އެތައް ސަތޭކަ ބަޔަކު އެ ރަށުން ގެއްލިފައި ވެއެވެ.

މިއަދު އިންޑޮނީޝިއާގެ ސުލަވެސީއަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު، އެޤައުމުގެ ސުމަޓްރާއަށްވެސް އާއި އެނޫންވެސް ބައެއް ހިސާބުތަކަށް ކުދި ލޮޅުންތައް އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީރު

    ބިންހެލުމެއްގެ ހަބަ ރު ކިޔާލާއި ރު ފު ރަތަމަވެސް ބަލާލެވެނީ ކޮން ގައުމަކައްތޯ ބިންހެލުން އައީ ، އިންޑޮނޭށިޔާއޭ ބުނެފިކަަމައް ވަންޔާ މިހާރުވެސް ބި ރުގަނޭ. އެދުވަސް މަތިން ހަދާންކޮއްލެވުނަސް ފިއްކަނޑައިގެން ދާވަ ރުވޭ.

    16