ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ދުނިޔެއިން މަރުވި މީހުންގެ އަދަދު 30000 އަށް އަރައިފިއެވެ.

މިހާތަނަށް ދުނިޔޭގެ 199 ޤައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އިޓަލީންނެވެ. އެޤައުމުން މިހާތަނަށް ވައިރަސްގެ ޝިކާރައަކަށްވެ ޖުމްލަ 10023 މީހަކު މަރުވެފައި ވާއިރު، އޭގެތެރެއިން 889 މީހަކު މަރުވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ސްޕެއިން އިންނެވެ. އެޤައުމުން މިހާތަނަށް 3295 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. އޭގެތެރެއިން މިއަދު އެކަނިވެސް މަރުވި މީހުންގެ އަދަދު 674 އަށް އަރައެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އިންނެވެ. މިހާތަނަށް ޗައިނާ އިން ކޮވިޑް-19 ޖެހިގެން 3295 މީހަކު މަރުވެފައި ވެއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރާއި، މި ބަލީގައި މީހުން މަރުވާ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން މަރުވެފައި ވަނީ ތިން މީހުންނެވެ.

ކޮވިޑްގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޮޑުވެފައިވާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 650913 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 56601 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. ދުނިޔެއިން މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ޖުމްލަ 25226 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާއިރު، ބަލިން ސަލާމަތްވެފައި ވަނީ 139555 މީހެކެވެ.

ނުރައްކާތެރި "ކޮވިޑް-19" އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކަންބޮޑުވާހައި ހަލުވިކަމާއެކު މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ، ގިނަ ޤައުމުތަކުން އޮތީ ދަތުރުފަތުރުތައް ހުއްޓާލާފައެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވައިރަސް އެވެ.

ކިޔުންތެރިންގެ ހިޔާލު