ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލާއި މި މުސީބާތުން އަރައިގަނެވޭނެ ކަމަށާއި އެކަން ކުރާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބޮރިސް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، މި ދަނޑިވަޅުގައި ވައިރަސްގެ ނުރައްކާ ކުޑަކުރުމަށް އޭނާ ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެކަމަށް އެއްބާރުލުން ދެމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. ބޮރިސްގެ ޓްވީޓުގައި އޭނާ ވަނީ، އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރާކަން ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން މިކަމުން އަރައިގަންނާނަން. މި މުސީބާތުން އަޅުގަނޑުމެން އަރައިގަންނާނީ އެންމެން އެކީ ގުޅިގެން. ޤައުމުގެ ރައްކާތެރިކަން އިސްކޮށް، މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް، މި ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ގޭގައި ތިއްބަވާ،" ބޮރިސް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މި މޭރުމުން ބޮރިސް މިއަދު ޓްވީޓް ކުރައްވާފައިވާއިރު، އޭނާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އެކަން ހާމަކުރައްވަމުން ބޮރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޭނާއަށް މި ވައިރަސް ޖެހިފައިވާކަން އެނގުނީ ވައިރަސްގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވިނަމަވެސް ބޮރިސްގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. އޭނާ އަށް ވައިރަސް ޖެހުމާއި ގުޅިގެން އޭނާގެ ބައެއް މުވައްޒަފުން ވެސް ވައިރަސް އަށް ޓެސްޓުކޮށްފައި ވެއެވެ.

ބޮރިސް ވިދާޅުވެފައި ވަނީ މިވަގުތު އޭނާ ހުންނެވީ އެކަހެރި (ސެލްފް އައިސޮލޭޝަން) ގައި ކަމަށާއި ނަމަވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ޤައުމު ހިންގުމުގެ ކަންކަން ވީޑިއޯ ކޯލްގެ ޒަރިއްޔާ އިން ކުރިއަށް ގެންދާނެ ކަމަށާއި އެ ގައުމުން ވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް ބޮޑުވެ، އެންމެ ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުންދާ އެއް ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 17000 އަށްވުރެ ގިނަ މީހުން މި ވައިރަސް އަށް ފައްސިވެފައި ވާއިރު ހަމަ އެކަނި މިއަދު ވެސް 2500 އަށްވުރެ ގިނަ މީހުން އެޤައުމުން ފައްސިވެފައި ވެއެވެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން 1019 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން 260 މީހުން މަރުވެފައި ވަނީ މިއަދު އެވެ.

އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުން ވައިރަސް ފެނި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާއިރު، 163 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ. އެޤައުމުން މިހާތަނަށް މި ބަލިން ސަލާމަތްވެފައި ވަނީ 5700 މީހުންނެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.