އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން ޑޮކްޓަރަކު މަރުވެއްޖެއެވެ.

އޯގަން ބަދަލުކުރުމުގެ ސަޖަރީތައް ހަދަމުން އައި ޑރ.އާދިލް އަލް އަލް ތައްޔަރު އަކީ ސައުދި އަރަބިއްޔާ އާއި ސޫދާން އަދި ލަންޑަންގައި މަސައްކަތްކޮށްފައިވާ ގާބިލް އޮޕަރޭޝަން ޑޮކްޓަރެކެވެ.

އާދިލްގެ އާއިލާއިން ބުނީ އޭނާ މަރުވީ 25 މާޗްގައި ވެސްޓް މިޑްލްސެކްސް ޔުނިވަރސިޓީ ހޮސްޕިޓަލްގައި ކަމަށެވެ.

އިނގިރޭސިވިލާތުން ސޫދާން އަށް ކަނޑައަޅާފައިވާ ސަފީރު ވަނީ އާދިލް އާއި އޭނާގެ ދެބެއިންގެ ދަރި ކޮއްކޮ ޒައިނަބް ބަދާވީގެ މޫނު ދެކިލަން ވަޑައިގެންފައެވެ.

ޑރ. އާދިލް ސެލްފް އައިސޮލޭޝަން އަށް ދިޔައީ މާޗް މަހުގެ މެދުތެރޭގައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ.

63 އަހަރުގެ ޑރ.އާދިލް ކޯވިޑް-19 އަށްފައްސި (ޕޮޒިޓިވް) ވެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ބަލި އެނދުގައި އައިސީޔޫގައެވެ.

އާދިލް އާއި ދެބެއިންގެ ދަރި މީހެއް ކަމަށްވާ ޑރ.ހިޝާމް އަލް ޚިދިރް ބުނީ ޑރ.އާދިލް ބަލިކަމުން އޭނާ ދިރިނުހުންނާނެ ކަމުގެ އާއިލާ މީހުންނަށް އޮތީ މާ ކުރިން ހީވެފައިކަމަށެވެ.

"އޭނާގެ ފިރިހެން ދަރިފުޅު ހުރީ ވަރަށް ބިރުން ކުރިންވެސް މި ބަލީގައި އޭނާ މަރުވެދާނެތީ. މިއީ ވަރަށް ބޮޑުވަރުވާ ބައްޔެއް ބައެއް ފަހަރު. އަދި މި ބަލީގެ ސަބަބުން ވަރަށް ހިތްދަތިވޭ. ކުރިއަށް އޮތް ހަފްތާތަކުގައި އެތައް އާއިލާއަކަށް މި ބަލީގެ ސަބަބުން ހިތްދަތިކަން ލިބޭނެ." ޑރ.ހިޝާމް ބުންޏެވެ.

އާދިލްގެ އައިލާއިން ބުނާގޮތުން އާދިލް ނެތުމަކީ އެ އާއިލާއަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ.

"އާދިލް އެއީ އާއިލާގެ ތަނބު. އޭނާ އަކީ އެތައް ބައެއްގެ އިހުތިރާމް ލިބުނު މީހެއް." އާދިލްގެ އާއިލާގެ މީހަކު ބުންޏެވެ.

އާދިލްގެ އާއިލާގެ އިތުރު މީހަކު ބުނި ގޮތުގައި އާދިލްގެ މަރާ ގުޅިގެން އެތައް ސަތޭކަ މެސެޖެއް ދަންނަ މީހުންގެ ފަރާތުން އޭނާގެ އާއިލާ އާއި ރައްޓެހިންނަށް ވަނީ ލިބިފައެވެ.

ކޮވިޑް-19 ޖެހުމުން އެންމެ ބޮޑަށް ބަލީގެ އަސަރު ކުރާ އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނާ ކުޑަކުދިންނެވެ. އަދި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް މި ބަލީގައި ވަރަށް ބޮޑަށް އަސަރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު