ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަން ނެތް، ޗައިނާގެ ޑޮކްޓަރެއްގެ ގައިން އޭނާ އާއި ކައިރީގައި އުޅުނު މީހަކަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ އެގައުމުން އިއްޔެ 45 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 44 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވުމުން ކަރަންޓީން ކޮށްފައި ތިބި މީހުންނެވެ. ދެން ކޮވިޑް-19 އަށް ފައްސިވީ ހެނާން ޕްރޮވިންސްގެ މީހެކެވެ.

"އޭނާ އަކީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރަކާއި ކައިރީގައި އުޅުނު މީހެއް. ޑޮކްޓަރުގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ. ނަމަވެސް މިހާރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޑޮކްޓަރާއި، އޭނާ އާއި އެކު މަސައްކަތް ކުރި އެހެން ދެ ޑޮކްޓަރަކު އެކަހެރިކޮށް އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ހެލްތު ކޮމިޝަނުން ބުންޏެވެ.

ހޮނިހިރު ދުވަހު ޗައިނާ އިން ވަނީ ފަސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި އިތުރު 28 މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓް ކޮށްފައި ވެއެވެ.

ހޮނިހިރު ދުވަހު ވަނީ އިތުރު 477 މީހަކު ކޮވިޑް-19 އިން ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ޗައިނާގައި ކޮވިޑް-19 ޖެހިފައި މިހާރު ތިބީ 2691 މީހުންނެވެ. އޭގެ ތެރެއިން 742 މީހެއްގެ ހާލު ސީރިއަސް އެވެ.

ޑިސެމްބަރ މަހު ޗައިނާގައި ކޮވިޑް-19 ފެތުރެން ފަށައި، ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ޗައިނާގައި އަވަހަށް ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމާއި މެދު ސުވާލު އުފެދުނެވެ. ނަމަވެސް ޗައިނާ އިން ވަރަށް އަވަހަށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ އިން މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ. އެންމެ ބޮޑަށް ބަލި ފެތުރުނު ހުބެއީ ޕްރޮވިންސާއި އެޕްރޮވިންސްގެ ވެރިރަށް ވޫހާން ވެސް މިހާރު އަންނަނީ އާއްމު ހާލަތަކަށް ރުޖޫޢަ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާގޮތް

    ޔޫކޭގަ ދިވެހި ކުއްޖާއަށްވެސް ޖެހުނީ ތިކަހަލަ ގޮތަކަށް.. ޑަކްޓަރުގެ ނެތް އެއްވެސް އަލާމާތެއް އެކަމު ގޭގަ ބޭރަށް ނުނިކުމެ ހުރި އަނބިކަނބަލުންނަށް ޖެހުނީ.. އެހެންވެދާނެ ހޮސްޕިޓަލުގަ ޑޮކް އުޅެފަ އަންނައިރު ޑޮކްގެ ފޭރާމުން ނުވަތަ އެހެން ތަނެއްގަ ހުރި ވައިރަހުގެ އަސަރު ކުރީކަމަށްވެސް..

    2
    1