ކެނެޑާގައި ކޮވިޑް-19 ޖެހުނު ފަސްޓްލޭޑީ ސޯފީ ޓްރޫޑޯ، ބަލިން ރަނގަޅުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ޓުވިޓާގައި ވިދާޅުވީ އޭނާގެ ހާލު މިހާރު ވަރަށް ރަނގަޅު ކަމަށެވެ. އެކަމަނާ އަށް ފަރުވާ ދިން ޑޮކްޓަރާއި ކެނެޑާގެ ސިއްހީ ވުޒާރާ އިން ވެސް ވަނީ ސޯފީ ބަލިން ރަނގަޅުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ސޯފީ ވަނީ އޭނާ ކޮވިޑް-19 އިން ރަނގަޅުވިކަން ހާމަކުރައްވައި ފޭސްބުކް އަދި އިންސްޓާގްރާމްގެ ވީޑިއޯއެއް ވެސް އާންމު ކުރައްވައިފައެވެ.

ސޯފީ އަށް ބަލި ޖެހުނު ކަން އިއުލާންކުރީ މި މަހުގެ 12 ވަނަ ދުވަހެވެ.

ސޮފީ ބުނެފައިވާ ގޮތުގައި ބަލިން ފަސޭހަވެއްޖެކަން ޑޮކްޓަރުން އެންގީ ބައްޔަށް ޕޮޒިޓިވްވިތާ ދެ ހަފްތާފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ކެންޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ހުންނެވީ ގެކޮޅުގައި ކަރަންޓީނުވެފައެވެ.

"އަހަރެންގެ ހާލު މިހާރު ވަރަށް ރަނގަޅުކަން އަހަރެންނަށް އިހްސާސްވޭ. އަހަރެންނަށް ހީވަނީ މިހާރު ވަރަށް ލުއިވެއްޖެހެން. އަދި ޑޮކްޓަރުގެ ފަރާތުން މެޑިކަލް ޑޮކިއުމަންޓް ލިބުމުން ވަރަށް އުފާވި." ސޯފީ ވިދާޅުވިއެވެ.

ސޯފީ ވައިރަހަށް ފައްސިވުމާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު މިހާރު ހުންނެވީ 14 ދުވަހަށް ކަރަންޓީންކޮށްފައެވެ. އެކަމަކު، ކެނެޑާގެ ބޮޑުވަޒީރުގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށްވެއެވެ.

ގްލޮބަލް ނިއުސްގައި ބުނެފައިވާ ގޮތުން ކެނެޑާގެ ފަސްޓްލޭޑީގެ ކިބައިން އަލާމާތްތައް ފެންނަން ފެށީ އިނގިރޭސިވިލާތުގައި އޮތް ބައްދަލުވުމަކަށްފަހު އެނބުރި ވަޑައިގެންނެވި ފަހުންނެވެ.

ކެނެޑާގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 5,655 އަށް އަރާ އިރު، މި ބަލީގައި މަރުވެފައި ވަނީ 61 މީހަކެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 466 މީހެކެވެ.

ދުނިޔޭގެ އެކި ގައުތަކުގެ ސިޔާސީ ލީޑަރުންނާއި ބައެއް ޝާހީ އާއިލާތަކުގެ އިސްވެރިނަށްވެސް ވަނީ ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރެވިފައެވެ. އެގޮތުން ސްޕެއިން ގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސަސް އަމީރާ ވެސް ކޮވިޑް-19 ޖެހިގެން ވަނީ އަވަހާރަވެފައެވެ.