ޕެސިފިކް ކަނޑުގެ މަތިން ދަތުރުކޮށްފައި ދިޔަ މަތިންދާބޯޓެއްގައި އިންޖީނުގެ ބައެއް ނެއްޓެން ފެށުމުން، ކުއްލި ޙާލަތުގައި ޖައްސައިފިއެވެ.

އިންޖީނުގެ ބައިތަކެއް ނެއްޓެން ފެށުމުން، ޖައްސާފައިވަނީ އެމެރިކާއަށް ނިސްބަތްވާ "ޔުނައިޓެޑް އެއަރލައިންސް" ގެ ފްލައިޓެކެވެ. ފްލައިޓު ޖައްސާފައިވަނީ ހޮނޮލުލޫގެ ވައިގެ ބަނދަރަކަށެވެ.

މިކަމާ ގުޅިގެން އެއެއަރލައިނުގެ ތަރުޖަމާނަކު، "ސީއެންއެން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 1175 ފްލައިޓުގެ ކަނާތު އިންޖީނުގެ ބައިތަކެއް ނެއްޓެން ފެށިކަމަށާއި އެކަމުގެ ސަބަބުން ފްލައިޓު އެމަޖެންސީގައި ޖައްސަން ޖެހުނުކަމަށެވެ. އަދި، ފްލައިޓް ޖެއްސުމުގެ ކުރިން، ފުރިހަމަކުރަން ޖެހޭ ހުރިހާ ޕްރޮޓޮކޯލްތަކެއް ޕައިލެޓުން ފުރިހަމަކުރިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓުން ދަތުރުކުރި މީހަކު "ހަވާއީ ނިއުސް" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެންމެ ފުރަތަމަ އިވުނީ ބާރު އަޑެއްކަމަށެވެ. އެއަށްފަހު، ބޯޓު ވަރަށް ބޮޑަށް ތެޅެން ފެށިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފްލައިޓުގެ ކަނާތު އިންޖީނުން ބައެއް ނެއްޓެން ސީދާ ދިމާވީ ކޮންކަމެއްގެ ސަބަބުންކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.

ވައިގެ ތެރޭގައި އޮއްވާ ފްލައިޓު ސަލާމަތުން ތަނެއްގައި ޖައްސާ، ބޯޓަށާއި ފަސިންޖަރުންނަށް އިތުރު ގެއްލުމެއް ނުލިބުމަކީ ބޮޑު ނަސީބެއްގެ ގޮތުގައި އެތައް ބަޔަކުދަނީ ސިފަކުރަމުންނެވެ. އަދި، ވައިގެ ތެރޭގައި މިފަދަ ކަންތައްތައް ހިނގުމަކީ އެންމެ ނުރައްކާތެރި ވައިގެ ޙާދިސާތަކުގެ ތެރޭގައި ގުނާލެވޭ ކަންކަމެވެ.