ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތް ލައްކަ އަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 703,876 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

33,215 މީހަކު މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ރަނގަޅުވީ 149219 މީހުންނެވެ. މިއަދު މިހާތަނަށް 40,794 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން 132,701 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން 2,353 މީހަކު މިހާތަނަށް މަރުވެއްޖެއެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އެގައުމުން 10,779 މީހަކު މިހާތަނަށް މަރުވެއެވެ. އިޓަލީވިލާތުން މިހާތަނަށް 97,689 މީހަކު ވަނީ ފައްސިވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ގައުމަކީ އިޓަލީއެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރު ވަމުން ދާއިރު، މިހާރު ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދާނެ ގައުމަކަށް އެމެރިކާ ވުން ވަރަށް ކައިރިއެވެ. އެމެރިކާގައި ބަލި ފެތުރުން އިތުރުވަމުން ދިޔަ ނަމަވެސް ބަލި ކޮންޓްރޯލް ކުރަން ސިޓީތައް ފުރަބަންދު (ލޮކްޑައުން) ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރަމުން ގެންދާ މަސައްކަތުން އަދި އެދެވޭ ނަތީޖާއެއް ފެންނަމުން ނުދިޔަ ނަމަވެސް ބައެއް ތަޖުރިބާކާރުން ލަފަކުރާ ގޮތުގައި މިހާރު ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގައި ވަރަށް އަވަހަށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.