ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 292 މީހުން މަރުވެއްޖެއެވެ. މިހާތަނަށް ފްރާންސުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2606 އަށް އަރާފައެވެ.

މިއަދު ފްރާންސުން އިތުރު 2599 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް ފްރާންސުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 40174 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން 7202 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފްރާންސުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 4632 މީހަކަށް އަދިވެސް ގެންދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެންމެ ގިނަ މީހުން ސީރިއަސް ހާލަތުގައި ތިބި ގައުމަކީ ފްރާންސެވެ.

މިއަދަކީ ފަސް ދުވަސް ތެރޭގައި ފްރާންސުން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ. ބުދަ ދުވަހު ފްރާންސުން 2929 މީހުން ފައްސިވިއެވެ. ބުރާސްފަތި ދުވަހު 3922 މީހުން ފައްސިވިއެވެ. ހުކުރު ދުވަހު 3809 މީހުން ފައްސިވިއެވެ. އަދި ހޮނިހިރު ދުވަހު 4611 މީހުން ފައްސިވިއެވެ.

މިއަދަކީ ހަތަރު ދުވަސް ތެރޭގައި ފްރާންސުން އެންމެ މަދުން މީހުން މަރުވި ދުވަސް ވެސް މެއެވެ. ބުރާސްފަތި ދުވަހު 365 މީހުން ހުކުރު ދުވަހު 299 މީހުން އަދި ހޮނިހިރު ދުވަހު 319 މީހުން ފްރާންސުން މަރުވިއެވެ.

ނަމަވެސް ފްރާންސް ސަރުކާރުން ބުނީ މަރުވި މީހުންގެ މައުލޫމާތުތައް އަދި ހާމަކުރަމުން ގެންދަނީ ހަމައެކަނި ހޮސްޕިޓަލްތަކުގައި މަރުވާ މީހުންގެ އަދަދުތައް ހިމަނައިގެން ކަމަށެވެ. މުސްކުޅިން ބަލަހައްޓާ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި މީހުން މަރުވި އަދަދު ސާފުކޮށް، އެމައުލޫމާތު ހާމަކުރެވޭނީ އަންނަ ހަފްތާގައި ކަމަށް ވެސް ފްރާންސްގެ އޮފިޝަލުން ވިދާޅުވެއެވެ. އެއަދަދުތައް އެއްކުރުމުން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ފްރާންސް ވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. މިމުއްދަތުގައި އެއްވެސް އާއްމު އެއްވުމެއް ބޭއްވުމާއި، ވަނީ މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީތަކާއި ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ބޭއްނުންވާ ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ވިޔަފާރިތައް ވަނީ ބަންދު ކޮށްފައެވެ.

ފްރާންސްގައި އަދިވެސް އިތުރަށް ކޮވިޑް-19 ފެތުރިދާނެ ކަމަށް އެގައުމުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިއަދު ފްރާންސުން ވަނީ ބިލިއަނަކަށް ވުރެ ގިނަ މާސްކް ގަންނަން ޗައިނާ އަށް އޯޑަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު