ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ގެ ސަބަބުން ނެދަލޭންޑުނަ އަނެއްކާވެސް އިތުރު 93 މީހަކު މަރުވެއްޖެއެވެ.

މިއަދު އެ ގައުމުން މަރުވި 93 މީހުންނާއި އެކު މިހާރު އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 864ށް އަރާފައެވެ. އަދި އެ ގައުމުން އިތުރު 884 މީހަކު މުޅިން އަލަށް ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،750ށް އިތުރުވެފައެވެ.

ނެދަލޭންޑުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި 686 މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން އަންނައިރު އެ ގައުމުން ފަރުވާ ދީގެން މިހައިތަނަށް ރަނގަޅުވެފައި ވަނީ 250 މީހުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ނެދަލޭންްޑަކީ ބަލި ޖެހޭ މީހުން އެންމެ ލަހުން ރަނގަޅުވަމުން އަންނަ އެއް ގައުމުކަމެވެ.

މި ވައިރަސް އެންމެ ގިނަ ބަޔަކަށް ޖެހިފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. އެ ދުވަހު ނެދަލޭންޑުގެ 1،172 މީހަކު ފައްސިވި އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެގައެވެ. އިއްޔެ އެ ގައުމުން ޖުމްލަ 132 މީހަކު ވަަނީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ. އަދި މިއަދަކީ 3ވަނަ އަށް އެންމެ ގިނަ ބަޔަކު އެ ގައުމުން މަރުވި ދުވަހެވެ.

ނެދަލޭންޑުން ގިނަ ބަޔަކު މަރުވަމުން އައި ނަމަވެސް، ފާއިތުވެދިޔަ 3 ދުވަހުވެސް ވައިރަހަށް އަލަށް ފައްސިވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.