ކޮވިޑް-19 ޖެހިގެން ސްރީ ލަންކާއިން ދެވަނަ މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ނިއުސް ވަޔާ ލަންކާއިން ރިޕޯޓްކޮށްފައިވާގޮތުގައި، މަރުވެފައި ވަނީ ކޮވިޑް-19 ޖެހިގެން ނެގޮމްބޯގެ ސަރުކާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެ މީހާއަކީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުން ގޮސް މިއަދު އެ ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށް ވެއެވެ.

އޭނާ މަރުވެފައި ވަނީ މިއަދު ހަވީރުއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މަރުވި އެ މީހާއަކީ ބަލިވެ އުޅުނުއިރުވެސް ޑޮކްޓަރަށް ނުދައްކާ ގޭގައި އުޅެމުންދިޔަ މީހެކެވެ.

މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ދޭއްއަށް އަރާފައެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި، އެ ގައުމުން ކޮވިޑް-19 ޖެހުނު 14 މީހަކު ރަނގަޅުވެ އެ މީހުން ވަނީ ދޫކޮށްލާފައެވެ. އަދި 106 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.

އަދި މިއަދު އެ ގައުމުން އިތުރު ފަސް މީހެއްގެ ގައިން މި ބަލި ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.