ފައްޅިއެއްގެ ތެރޭގައި އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕުކުރި މައްސަލައަށްފަހު، އިންޑިޔާގައި ހިނގާ މިފަދަ މައްސަލަތައް ފެންމަތިވާލެއްވަނީ އަވަސްވެފައެވެ. އެކަންކަމުގެ ވާހަކަ ދައްކަން އެތައް ބަޔަކުވަނީ ފަށާފައެވެ. އެކަމުގެ ސަބަބުން، އެފަދަ އެތައް ހިތާމަވެރި ވާހަކަތަކެއް، ކޮންމެ ދުވަހަކުވެސް އެޤައުމުން އަޅުގަނޑުމެންނަށް ދަނީ އިވެމުންނެވެ.

އެގޮތުން، އެޤައުމުގައި ރޭޕުކޮށްފައިވާ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އާއިލާގެ ހުރިހާ މެންބަރުން ވެގެން އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބަޔަކު، މި ކުއްޖާ ރޭޕުކުރިއިރު އެތަނުގައި ކުއްޖާގެ ދައްތައެއްވެސް ހުއްޓެވެ. އެހެންނަމަވެސް، އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށްވެއެވެ.

ކުއްޖާ ގޮސް މި ވާހަކަތައް އާއިލާއަށް ކިޔައިދިނުމުން، އެކަން ސިއްރުކޮށްގެން ހުރުމަށްވަނީ އަންގާފައެވެ. އަދި، އެގޮތަށް ކަންތައް ނުކޮށްފިކަމުގައިވާނަމަ، "ނުލަފާކަން ދައްކާލާނެ" ކަމަށް ބުނިކަމަށްވެސްވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ކުއްޖާގެ މަންމައާއި ބައްޕަ ހިމެނޭ ގޮތަށް ކުއްޖާއަށް އަނިޔާކޮށްފައިވަނީ މި މައްސަލައިގައެވެ.

އެތައް އަނިޔާތަކަކާއެކު ކުއްޖާ ތަނަކަށް އެއްލާލާފައި އޮއްވާ ފުލުހުންނަށް ފެނިފައިވާއިރު، އޭރު ކުއްޖާގެ ގައިގައި ގިނަ އަދަދަކަށް ޒަޚަމު ހުރިކަމަށްވެއެވެ. އެހެންނަމަވެސް، އެކުއްޖާ މަރުނުވާކަމަށްވެއެވެ. އަދި، މި ކުއްޖާ އޮތީ ހޮސްޕިޓަލުގައި، ސީރިޔަސް ޙާލަތުގައިކަމަށްވެސްވެއެވެ.

މިކަމާ ގުޅިގެން މި ކުއްޖާގެ މަންމައާއި ބައްޕަވަނީ ހައްޔަރުކޮށްފައެވެ.