ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދުވެސް އިތުރު 812 މީހުން މަރުވެއްޖެއެވެ.

އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ ފާއިތުވި ދެދުވަހު މަރުވި މީހުންގެ އަދަދު އޭގެ ކުރީދުވަހަށް ވުރެ މަދުވުމަށް ފަހުއެވެ. އިއްޔެ އެގައުމުން މަރުވީ 756 މީހުންނެވެ. ހޮނިހިރު ދުވަހު 889 މީހުން މަރުވިއެވެ. އަދި ހުކުރު ދުވަހު 919 މީހުން މަރުވިއެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އެގައުމުން މަރުވި މީހުންގެ އަދަދު 11591 އަށް އަރައެވެ.

އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު މިއަދު ވަނީ އެއްލައްކައަށް އަރާފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން މިހާތަނަށް 101,739 ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނަމަވެސް މިއަދު އިޓަލީވިލާތުން ފައްސިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއަދު އެގައުމުން ފައްސިވެފައި ވަނީ 4050 މީހުންނެވެ. މިއަދަކީ ފާއިތުވި 12 ދުވަހަށް ބަލާއިރު ވެސް އިޓަލީވިލާތުން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމު ފުރަބަންދު (ލޮކްޑައުން) ކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން މަޑުޖެހެމުން އަންނަ މަންޒަރު މިހާރު ފެންނަން ފަށައިފިއެވެ. އަދި ކުރިއަށް އޮތް 07 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިޓަލީވިލާތުގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އޮފިޝަލުން އުއްމީދު ކުރެއެވެ.

"ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފި. ޓެސްޓް ކުރެވޭ މީހުންގެ ތެރެއިން ވެސް ފައްސިވާ މީހުންގެ އަދަދު ނިސްބަތުން މަދުވާކަން މިހާރު ފާހަގަ ކުރެވޭ. އެހެންކަމުން ކޮންޓްރޯލް ނައްޓާލާފައި މިއޮތް އޮތުމަށް ވަރަށް އަވަހަށް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރަން." އިޓަލީގެ ހަޔާ ހެލްތު ކައުންސިލްގެ ރައީސް ފްރަންކޯ ލޮކާޓީ ވިދާޅުވިއެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ކުރިން ވެސް ވިދާޅުވަމުން ގެންދެވީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އެގައުމުގައި މަރުވާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު