އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު އެއްލައްކަ އަށް އަރައިފިއެވެ.

އިޓަލީވިލާތުގެ ސަރުކާރުން ދެންމެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން މިހާތަނަށް 101,739 ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނަމަވެސް މިއަދު އިޓަލީވިލާތުން ފައްސިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއަދު އެގައުމުން ފައްސިވެފައި ވަނީ 4050 މީހުންނެވެ. މިއަދަކީ ފާއިތުވި 12 ދުވަހަށް ބަލާއިރު ވެސް އިޓަލީވިލާތުން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދު އިޓަލީން 812 މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް އިޓަލީވިލާތުން 11591 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން އެގައުމުން ރަނގަޅުވީ 14620 މީހުންނެވެ. އިޓަލީވިލާތުގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3981 މީހެއްގެ ހާލު ސީރިއަސްއެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމު ފުރަބަންދު (ލޮކްޑައުން) ކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން މަޑުޖެހެމުން އަންނަ މަންޒަރު މިހާރު ފެންނަން ފަށައިފިއެވެ. އަދި ކުރިއަށް އޮތް 07 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިޓަލީވިލާތުގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އޮފިޝަލުން އުއްމީދު ކުރެއެވެ.

"ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފި. ޓެސްޓް ކުރެވޭ މީހުންގެ ތެރެއިން ވެސް ފައްސިވާ މީހުންގެ އަދަދު ނިސްބަތުން މަދުވާކަން މިހާރު ފާހަގަ ކުރެވޭ. އެހެންކަމުން ކޮންޓްރޯލް ނައްޓާލާފައި މިއޮތް އޮތުމަށް ވަރަށް އަވަހަށް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރަން." އިޓަލީގެ ހަޔާ ހެލްތު ކައުންސިލްގެ ރައީސް ފްރަންކޯ ލޮކާޓީ ވިދާޅުވިއެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ކުރިން ވެސް ވިދާޅުވަމުން ގެންދެވީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އެގައުމުގައި މަރުވާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު