ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 180 މީހުން މަރުވެއްޖެއެވެ.

މިހާތަނަށް އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1480 އަށް އަރާފައެވެ.

އިނގިރޭސިވިލާތުން އިތުރު 2619 މީހަކު މިއަދު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުމުން އަދި މިހާތަނަށް ރަނގަޅުވީ އެންމެ 135 މީހުންނެވެ. މިހާރު ވެސް 163 މީހެއްގެ ހާލު ސީރިއަސް ކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގައި ސީރިއަސް ހާލަތުގައި ތިބޭ މީހުންގެ އަދަދަށް ވުރެ މަރުވާ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. މިއީ އެހެން ގައުމުތަކުން ފާހަގަ ކުރެވޭ ކަމެއް ނޫނެވެ.

މިއަދަކީ ފާއިތުވި ހަތަރު ދުވަހަށް ބަލާއިރު އިނގިރޭސިވިލާތުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. ހުކުރު ދުވަހު 181 މީހަކު، ހޮނިހިރު ދުވަހު 260 މީހުން އަދި އާދީއްތަ ދުވަހު 209 މީހުން ވަނީ އިނގިރޭސިވިލާތުން މަރުވެފައެވެ.

ނަމަވެސް ދެވަހަށް ފަހު ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ އިތުރުވެފައެވެ. މިއަދު 2619 މީހުން ފައްސިވެފައި ވެއެވެ. ހުކުރު ދުވަހު 2885 މީހުން ހޮނިހިރު ދުވަހު 2546 މީހުން އަދި އާދީއްތަ ދުވަހު 2433 މީހުން ފައްސިވިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ މެޓް ހަންކޮކް މިއަދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 އަށް ޓެސްޓް ކުރުން އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިހާރު އިނގިރޭސިވިލާތުން ދުވާލަކު ކުރެވެނީ 10000 ޓެސްޓެވެ. ނަމަވެސް ކޮންމެ ދުވަހަކު 25000 މީހުން ޓެސްޓް ކުރަން ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޖަރުމަންވިލާތާއި ދެކުނު ކޮރެއާގައި ވެސް ކޮވިޑް-19 ފަސޭހައިން ކޮންޓްރޯލް ކުރެވުނީ ގިނަ އަދަދެއްގެ ޓެސްޓްތައް ކޮންމެ ދުވަހަކު ވެސް ހަދަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    މީ މިވާހަކަ ބުނަން އެންމެ މުނާސިބު ވަގުތު ކަމުގައި ނުވިޔަސް ބުނެލާނަން، އަފްޣާނިސްތާނަށާއި އަދި އޭގެ ފަހުން ޢިރާޤަށް އިނގިރޭސިން ބޮން އެޅި އިރު ދުވާލަކު އެތައް ސަތޭކަ މީހުން މަރުވަމުން ދިޔަ. ހަމަ ހަނދާން އާކޮށްލީ