ކޮވިޑް-19 ޖެހިގެން މީގެ ކުރިން އެއް ދުވަސް ތެރޭގައި މީހުން މަރުނުވާ އަދަދަށް އިއްޔެ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް 3723 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 37815 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން އެއް ދުވަސްތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހަށް އިއްޔެވީ ހޮނިހިރު ދުވަހު މަރުވި މީހުންގެ އަދަދަށް ވުރެ އާދީއްތަ ދުވަހު މަރުވި މީހުންގެ އަދަދު މަދުވުމަށް ފަހު އެވެ. ހޮނިހިރު ދުވަހު 3518 މީހުން މަރުވިއެވެ. އާދީއްތަ ދުވަހު މަރުވީ 3204 މީހުންނެވެ.

އިއްޔެ ވެސް 61404 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ފާއިތުވި ފަސް ދުވަހު ކޮންމެ ދުވަހަކު ވެސް ފަސްދޮޅަހަށް ހާހަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ.

ބަލި އެންމެ ފަސޭހައިން ކޮންޓްރޯލް ކުރެވެން އޮތް ގޮތަކީ ޓެސްޓް ހަދާ މީހުންގެ އަދަދު އިތުރު ކުރުމެވެ. މިހާރު ގިނަ ގައުމުތަކުން ގެންދަނީ އެކަން ގަބޫލުކޮށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް އިތުރު ކުރަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ވެގެން ގިނަ ގައުމުތައް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ފުރަބަންދު ކޮށްފައިވާ ގައުމުތަކާއި ސިޓީތަކުން ވައިރަސް ފެނުނު ކޮންމެވެސް ވަރަކަށް މަޑުޖެހެމުން އަންނަ މަންޒަރު މިހާރު އެބަފެނެއެވެ. ނަމަވެސް ކޮވިޑް-19 އެއްކޮށް ކޮންޓްރޯލްކޮށް އާއްމު ހާލަތަކަށް ރުޖޫޢަ ވާން ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތު އަދިވެސް ލަފާކުރަން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބަލި ކޮންޓްރޯލް ކުރަން އާއްމު ހާލަތަކަށް ރުޖޫޢަ ވާން ތިން މަހެއްހާ ދުވަސް ނެގުން ގާތެވެ. ނަމަވެސް އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އާއްމު ހާލަތަކަށް ރުޖޫޢަ ވާން ހަމަސް ދުވަހާއި ދޮޅު އަހަރާއި ދެމެދުގެ މުއްދަތެއް ވެސް ނެގުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭ

    އަސްލުގަ އިންސާނުން އެމީހުންގެ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާލަންޖެހޭ ހާލަތެކެވެ ތިމާ ދުނިޔެ ފޮނުއްވި ހަގީގީ ބޭނުމަކީ ކޮބައިތޯއެވެ އެންމެ ކުރިއަރާފައިވާ އެންމެ ތަހުޒީބު އެންމެ މުއްސަނދި އެންމެ މޮޅު ޑޮކްޓަރީ އާލާތް ތައް ހުރި ގައުމު ތަކަށް އެވަނީ ކީއްހެއްޔެވެ މުއްސަދި މަހުޖަނުންނާ ރަސްރަސްކަލުންގެ އާއިލާ ތަކާ ރައީސުން ފެންވަރުގެ މީހުންވެސް އެތިބީ ކޮވިޑް19ގެ އަސީރުންނަށް ވެފައެވެ އެމީހުންގެ އާރާއި ބާރުގެ ބޭނުން ކޮށް ގެން މަލަކަލް މައުތް ވަޑައިގަތަ ނުދީ ހިފެހެއްޓިދާނެ ހެއްޔެވެ އެންމެ މޮޅެތި ޑޮކްޓަރުންވެސް މަރުވެގެންދަނީ އެވެ ވިސްނާލާށެވެ އިންސާނުންގެ ބާރެއްނެއްކަމާ ނިކަމެތި ކަމާ ދޭތެރޭގައެވެ ބާރު ވެރިކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ ވެރިކަންވަނީ ރަސްވަންތަ ރަސްކަލާންގެ ﷲގެ އަތްޕުލު މަތީގައެވެ . ބޮޑާ ކަމާ ކިބުރުވެރިކަމުގައި ހައްދު ފަހަނަ އަޅާފައިވާ ނިކަމެތި އިންސާނާ ކުށް ފާފަ ކުރުމުގައި ހައްދު ފަހަނަ އަޅާ ﷲގެ އިންތަކުން ބޭރުވެ ގަތުމުން އޯގާވަންތަ ﷲ ހަދާން ކޮށްދެއްވުމަށްޓަކައި އިންޒާރުގެ އެލާމް އަޅުއްވަން ފައްޓަވައެވެ އިންސާނުން ހެޔޮ ރަގަނގަޅުމަގު އިޚްތިޔާރު ކުރޭތޯ ބައްލަވައެވެ ބިރުވެތިވާށެވެ ފާއިތުވެދިޔަ ގައުމުތަކަށް ވީގޮތް ޢާދު ބާގަޔާ ސަމޫދުގައުމުގެ މީހުންނާ ފިރުއައުނަށްވީގޮތް ހަދާން ކޮށް ފާފަފުއްސެވުމާ ރަހުމަތަށް އެދި ﷲ އަށް ދަންނަވާށެވެ ތައުބާވެ ކުށްކުރުމާ ފާފަ ކުރުމުން ދުރުވާށެވެ ބިރުވެތިވާށެވެ

    43