ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ 573 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެހެންކަމުން އިއްޔެ އަކީ އެއްދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މީގެ ކުރިން އެމެރިކާ އިން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެދުވަހު މަރުވީ 525 މީހުންނެވެ. އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ އާދީއްތަ ދުވަހު މަރުވި މީހުންގެ އަދަދު އޭގެ ކުރީދުވަހަށް ވުރެ މަދުވުމަށް ފަހު އެވެ. އާދީއްތަ ދުވަހު މަރުވީ 363 މީހުންނެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު 164253 އަށް އަރައެވެ. މިހާތަނަށް އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 3165 އެވެ. އެމެރިކަ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 5,506 މީހުންނެވެ.

އެންމެ ގިނައިން މީހުން ފައްސިވެ، އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާގެ ނިއުޔޯކުންނެވެ. ހަމައެކަނި ނިއުޔޯކުން 67325 ފައްސިވެ، 1342 މީހުން މަރުވެފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވޮޝިންޓަނުންނެވެ. ވޮޝިންޓަނުން 210 މީހަކު ވަނީ މަރުވެފައެވެ. ވޮޝިންޓަރުން ފައްސިވެފައި ވަނީ 5250 މީހުންނެވެ. ވޮޝިންޓަނަށް ވުރެ ގިނަ މީހުން މިޝިގަން އިން ވަނީ ފައްސިވެފައެވެ. މިޝިގަން އިން 16636 މީހުން ފައްސިވެ 198 މީހަކު ވަނީ މަރުވެފައެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ކެލިފޯނިއާ އިންނެވެ. ކެލިފޯނިއާ އިން 7413 މީހުން ފައްސިވެ، 146 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނާ ގޮތުގައި އެމެރިކާ އިން މިހާރު އެއްމިލިއަން މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފިއެވެ.

ޓްރަމްޕް މަސައްކަތް ކުރަނީ އިޤުތިޞާދަށް ގެއްލުން ވިޔަ ނުދިނުމަށް ކަމަށާއި، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޓްރަމްޕް ވަނީ މިއަދު ރައްދު ދީފައެވެ. ޓްރަމްޕް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވިހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ. ދެވަނަ ދައުރަކަށް ނުހޮވިދާނެތީ މީހުންނަށްވުރެ އިޤުތިޞާދަށް އިސްކަން ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    ޔާﷲ އުފާވެރިކަމުގެ އިތުރު ޚަބަރެއް ދެއްވަފާންދޭ..

    2
    2