ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަށް ލައްކައާ ގާތް ކުރަނީއެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް ބަލީގައި 37000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އަދި 160،000 މީހުންނަށް ޝިފާ ލިބުނު އިރު، ބަލި ޖެހުނު 29،000 އަށް ވުރެ ގިނަ މީހުން ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. މި ބައްޔަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް އެކިއެކި ގައުމުތަކާއި ސިއްހީ އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދި އަލިމަގެއް ނުފެނެއެވެ.

އެކަމަކު އެ ބައްޔަށް ވެކްސިންއެއް އުފެއްދުމުގެ އިތުރުން އެ ބަލި ނުޖެހި ސަލާމަތް ވާނެ ކިރިޔާވެސް ގޮތެއް އޮތިއްޔާ އެ ގޮތެއް ހޯދަން ސިއްހީ ތަޖުރިބާކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން މިލިއަނުން ޚަރަދުކޮށްގެން އެތައް ތަހުލީލުތައް ކުރިޔަސް، އަދި ކުރިއެރުމެއް ނުފެނެއެވެ.

މި ބަލިން ރައްކާތެރިވުމަށް މިއަދު ކޮންމެ މީހަކު ވެސް ބޭނުން ކުރާ އެކައްޗަކީ މާސްކެވެ. އެއީ ސިއްހީ އެހީތެރިންނާއި ބަލި ޖެހޭ މީހުންނަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

ޚާއްސަކޮށް މި ބަލީގެ ނުރައްކާ ބޮޑަށް އޮންނަ މީހުން ކަމަށްވާ ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުންނާއި، ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް މާސްކަކީ ވަރަށް މުހިއްމު އެއްޗެކެވެ. ތަޖުރިބާކާރުން ފާހަގަކުރާ ކަމަކީ މާސްކް އަޅަނީ ބަލިން ސަލާމަތްވުމަށް ކަމުގައިވީ ނަމަވެސް މާސްކްގެ ޒަރީއާއިން އެ ބަލިން ސަލާމަތްވެވެނީ ވަކި މިންވަރަކަށް ކަމެެވެ.

ކެނެޑާގެ އަލްބާޓާ ޔުނިވާސިޓީގައި މިހާރު ދަނީ ލޮނު ބޭނުންކޮށްގެން ކޮރޯނާ ވައިރަސް މަރާލެވޭނެ ފަދަ މާސްކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކެނެޑާގެ އެލްބާޓާ ޔުނިވަސިޓީގެ ބަޔޯމެޑިކަލް އިންޖީނަރު ހަޔޯ ޖިކް ޗޯއީ ވިދާޅުވީ މިހާރު ބޭނުން ކުރާ ސާޖިކަލް މާސްކްތަކަކީ ބަލިން ރައްކާތެރިވުމަށް ވަކި މިންވަރަކަށް އެހީވާ އެއްޗެއް ކަމަށެވެ.

"މީހުންނަށް ވިސްނާ ނުލެވޭ ކަމަކީ މިހާރު މި ހުރި މާސްކްތަކަކީ ވަކި ވަަރަކަށް ބަލިން ރައްކާތެރިކޮށްދޭ ތަކެތި ކަން. ސާޖިކަލް މާސްކުން ރައްކާތެރިކޮށް ދޭނެ ބޮޑެތި ވައިރަސްތަކުން. ކުދި ވައިރަސްތައް އެބަ ހުރޭ ޑްރޮޕްލެޓްސް އިން، އެއީ އޭރޮސޮލްސް އަށް ވަދެވޭނެ މާސްކް އެޅިއަސް،" ޗޯއީ ވިދާޅުވިއެވެ.

މާސްކްތައް ގެންގުޅޭ ގޮތުންވެސް ވައިރަސް އަރާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މާސްކްތަކުގައި ވައިރަސް ހޭކި، ގަޑި އިރުތަކަކަށް ދިރި ހުރެދާނެތީ އެއީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ވެސް ޗޯއީ ވިދާޅުވިއެވެ.

"މޫނުގައި އަތް ނުލާށޭ ބުންޏަސް އެއީ ނޭނގިވެސް ކުރެވޭ ކަމެއް. އެހެންވީމަ މި ބަލިން ސަލާމަތްވާން އަދި އާދައިގެ މާސްކް އެކަނި ހުރުމުން އެންމެ އެކަށީގެން ނުވޭ. ރައްކާތެރިވެވޭނެ. އެކަމަކު ވަކި މިނަކަށް." ޗޯއީ ވިދާޅުވިއެވެ.

ޗޯއީއާ އޭނާގެ ޓީމުން މަސައްކަތް ކުރަނީ ކޯވިޑް-19 އަށް ރައްކާތެރި މާސްކްތަކެއް އުފެއްދުމަށެވެ.

މީގެ ތިން އަހަރު ކުރިން، 2017 ގައި ޗޯ އާއި އޭނާގެ ޓީމުން ވަނީ ސާޖިކަލް މާސްކްތައް ސޯޑިއަމް ކްލޮރައިޑް ލޮނުންނާއި ރެސްޕިރޭޓާސް ބޭނުންކޮށްގެން ކޯޓްކުރަން (މަތީގައި ފަށަލައެއް ލާން) ދިރާސާއެއްކޮށްފައެވެ. އެ އުސޫލުން އަމަލުކޮށްފި ނަމަ، ކޯވިޑް-19 ޖައްސާ ވައިރަސް މަރާލެވިދާނެ ކަމަށް އެ ދިރާސާގެ ހޯދުންތަކަށް އެނގެއެވެ.

އެ ދިރާސާއިން ދައްކާ ގޮތުން ވައިރަސް މާސްކްގައި ޖެހުމުން އެ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މާސްކްތަކުން އެ ވައިރަސް މަރާލާނެއެވެ.

"ޓެސްޓް ކުރި އިރު، ލޮނު ކޯޓް ކުރި މާސްކްތައް މަސައްކަތް ކުރާ ގޮތް މާ ރަނގަޅުކަން އެނގޭ. އަދި އޭރުން ވައިރަސް އިން ރައްކާތެރިވާ ނިސްބަތް ވެސް މަތިވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ. އިންފްލުއެންޒާ ކަހަލަ އެކި ވައިރަސްތައް ސޯޑިއަމް ކްލޮރައިޑް އަށް އެކްސްޕޯޒް ކުރިތާ 30 މިނިޓްތެރޭ ވައިރަސް ވަނީ ނެތިގެން ގޮސްފައި،" ޕްރޮފެސާ އޮފް ކެމިކަލް އެންޑް މެޓީރިއަލް އިންޖިނިއަރިން ޗޯއީ ވިދާޅުވިއެވެ.

ލޮނުގެ ފަށަލަ އަށް ފިނި ހޫނުމިނުން ބަދަލެއް ނާންނާތީ އެގޮތަށް ކޯޓްކޮށްގެން މާސްކްތައް ހެދުމަކީ މާސްކްތައް ރައްކާތެރިވުމުގެ އިތުރުން، ރައްކާކުރަން ފަސޭހަވެ، އަލުން ބޭނުންކުރަންވެސް މަގުފަހި ކުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޑަކްޓް މާކެޓަށް ނެރެން އަދި 18 މަސް ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.