އިންޑިއާގެ އަސަމްގެ ގުވަހަޓީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކު ކޮވިޑް-19 ބައްޔަށް ފަރުވާދެމުންދާ މީހުން ބޭނުންކުރަމުންދާ އެންޓި މެލޭރިއަލް ޑްރަގް ހައިޑްރޮޒިކްލޮރައިން ބޭސް ކެއި ފަހުން ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ޑޮކްޓަރަކީ އުމުރުން 44 އަހަރުގެ އުޓްޕަލްޖިތް ބަރްމޭން ނަމަކަށް ކިޔާ ހޭނައްތާ ޑޮކްޓަރެކެވެ. އޭނާ އެ ބޭސް ބޭނުންކޮށްފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ފަރުވާއަށް ކަމަށް އެ ނޫހުގައި ވެއެވެ.

އޭނާ އަށް ހާޓްއެޓޭކެއް ޖެހުނީ އެ ބޭސް ބޭނުންކޮށްގެން އަދި ވަނީ ކަށަވަރު ނުވެއެވެ. އެހެން ނަމަވެސް އެ ނޫހުން ބުނެފައި ވަނީ، އޭނާއާއެކު މަސައްކަތް ކުރާ މީހުންނަށް އޭނާ ވަޓްސްއެޕް މެދުވެރިކޮށް، އެ ބޭސް ބޭނުން ކުރި ފަހުން އުނދަގޫތަކެއް ވާކަން ހާމަ ކުރި ކަމަށެވެ.

ދަ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗުން ވަނީ، ކޮވިޑް-19 ޖެހިފައިވާ މީހުން ކައިރީގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި، އާއިލާ މީހުން އެ ބޭސް ބޭނުން ކުރަން އެދިފައެވެ.

ނަމަވެސް މި ޑޮކްޓަރަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ގާތުން މަސައްކަތް ކުރާ މީހެއް ނޫނެވެ. އެއީ އަސާމް އިން އަދި އެ ބަލި ފެނިފައި ނުވާތީއެވެ.

އެ ކައުންސިލުން ވަނީ، ކޮވިޑް-19 އާ ދެކޮޅަށް އަމިއްލައަށް ބޭނުން ކުރާ ބޭހެއްގެ ގޮތުގައި އެ ބޭސް ބޭނުން ނުކުރުމަށް އިންޒާރުވެސް ދީފައެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1251 އަށް އަރައެވެ. މިހާތަނަށް އިންޑިއާ އިން ވަނީ 32 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު