މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ސްޕެއިން އިން ރެކޯޑް އަދަދަކަށް މީހުން ފައްސި (ޕޮޒިޓީވް)ވެ ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވެފައި ވަނީ 849 އެވެ. މިއީ އެ ގައުމުން އެެއް ދުވަހެއްގެ ތެރޭގައި މި ވައިރަސް ޖެހިގެން މިހާ ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 8189 އެވެ.

އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 9222 މީހަކު ވަނީ ފައްސިވެފައިވާއިރު، މިއީވެސް އެ ގައުމުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެެވެ.

އަދި މުޅި ދުނިޔެއަށް ބަލާއިރުވެސް އެއް ދުވަސް ތެރޭގައި އެެމެރިކާ އާއި ޗައިނާ އަށް ފަހު މިހާ ގިނަބަޔަކު ފައްސިވި ގައުމަކަށް ސްޕައިން ވަނީވެފައެވެ.

އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 94417 އެވެ.

ސްޕެއިންއިން މީގެ ކުރިން ގިނަ މީހުން ފައްސިވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު 8271 މީހަކު ވަނީ ފައްސިވެފައެވެ.

އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 5607މީހެއްގެ ހާލު ސީރިއަސް އެވެ. މިއައެކު އެ ގައުމު ވެފައި ވަނީ މިހާރު އެންމެ ގިނަބަޔަަކަށް ސީރިއަސް ހާލަތުގައި ފަރުވާ ދޭ ގައުމަށް ވެފައެވެ.

އެ ގައުމުން މި ވައިރަސް ޖެގުނު 19259 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު