މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 141 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 2898 އެވެ.

އެ ގައުމުން އިތުރު 3110 މީހަކު މި ވައިރަސް އަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އެ ގައުމުން މި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 44605 އެވެ.

މިއަދަކީ އެ ގައުމުން ދެވަނަ އަށް އެންމެ ގިނަބަޔަކު މި ވައިރަސްއަށް ފައްސިވި ދުވަހެވެ. އެ ގައުމުން މި ވައިރަސްއަށް އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީ އިއްޔެ އެވެ. އެއީ 3186 މީހުންނެވެ.

އީރާނުން މި ވައިރަސް ޖެހިގެން އެންމެ ގިނަ މީނުން މަރުވެފައި ވަނީ 26 ވަނަ ދުވަހުއެވެ. އެއީ 157 މީހުންނެވެ.

އޭގެ ފަހުން ފާއިތުވި 4 ދުވަހުގެ ތެރޭގައިވެސް ވަރަށް ބޮޑަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށްވަމުން ގޮސް އަނެއްކާވެސް މި ވަނީ އިތުރުވެފައެވެ.

އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 3703 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 14656 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.