މިހާތަނަށް ވެކްސިނެއް އުފެއްދިފައިނުވާ ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ބެލްޖިއަމްގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އެ ކުއްޖާއަކީ މި ބަލި ޖެހިގެން މިހާތަނަށް މުޅި ޔޫރަޕުންވެސް މަރުވި އެންމެ ހަގު ކުއްޖާ ކަމަށެވެ. މީގެ ކުރިން މި ބަލި ޖެހިގެން ޔޫރަޕުން މަރުވެފައިވާ އެންމެ ހަގު ކުއްޖާ އަކީ ޕޯޗުގަލް އަށް ނިސްބަތްވާ 14 އަހަރުގެ އަންހެން ކުއްޖެެކެވެ.

ނޭޝަނަލް ކްރައިސިސް ސެންޓަރުގެ ސްޕޯކްސްޕާސަން އެމަނުއެލް އަންޑްރޭ ބުނެފައިވަނީ މިކަމުގައި ކުޑަ ކުއްޖެއް ޝާމިލްވާތީ މިއީ އެމީހުން ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށާއި މީގެ ސަބަބުން މުޅި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެންވެސް ތިބީ ހިތާމަވެރި ދަނޑިވަޅެއްގައި ކަމަށެވެ.

"ވިސްނަމުން މިދަނީ އެ ތުއްތު ކުއްޖާގެ އާއިލާ އަށާއި ރައްޓެހިންނަށް. މިއީ ވަރަށް މަދުން ދިމާވާ ކަމެއް. މިކަމުގައި ސިއްހީ ހުރިހާ ފަރާތްތަކުން ހިތާމަ ކުރޭ" އޭނާ ބުންޏެވެ.

އަންޑްރޭ ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު، 11.5 މިލިއަން މީހުން ދިރިއުޅޭ އެގައުމުން ކޮވިޑް-19 ޖެހިގެން 98 މީހަކު މަރުވެ، މުޅި އެއްކޮށް މަރުވި މީހުންގެ އަދަދު 705 އަށް އަރާފައިވާ ކަމަށެވެ.

އަދި މިއަދާއި ހަމައަށް އެގައުމުން ބަލި ޖެހުނު މީޙުންގެ އަދަދު ވަނީ 12،775 އަށް އަރާފައެވެ. މީގެ ތެރެއިން 1،696 މީހަކަށް ވަނީ ފަރުވާ ދެވި ބަލިން ރަނގަޅު ވެފައެވެ. އަދި ހާލު ދެރަވެގެން އައިސީޔޫގައި 1،921 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު