ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ކުޑަ ކުއްޖަކު މަރުވި އިރު އާއިލާ އެއްވެސް މީހަކަށް އެ ކުއްޖާ ކައިރީގައި ނުހުރެވުނު ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 13 އަހަރުގެ އިސްމާއިލް މަރުވެގެން ދިޔައިރު އިތުރު އެއްވެސް ބައްޔެއް ޖެހިފައި ނުވާ ކަމަށާއި، އާއިލާ އެއްވެސް މީހަކަށް އިސްމާއިލް އާއި ކައިރި ނުވެވުނީ އެ ބަލި ޖެހިފައިވާ ގޮތް ބޮޑު ކަމުން ކަމަށެވެ.

"ފުރަތަމަ ބަލީގެ އަލާމާތްތަކަށް ފެންނަން ފަށާފައިވަނީ ނޭވާލާން އުނދަގޫވުން. އޭގެ ފަހުން ވަނީ ލަންޑަންގައި ހުންނަ ކިންގްސް ކޮލެޖް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައި. ފުރަތަމަ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދިނީ. އޭގެ ފަހުން އޮތީ ކޯމާގައި" އާއިލާއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ކޮވިޑް-19ގެ ސަބަބުން މަރުވެގެން ދިޔަ އިސްމާއިލް އަކީ އިނގިރޭސިވިލާތުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެގެން ދިޔަ އެންމެ ކުޑަ ކުއްޖާއެވެ.

އިސްމާއިލްގެ މަރާއި ގުޅިގެން އާއިލާއަށް އެހީތެރުވުމުގެ ގޮތުން "ގޯފަންޑްމީ" ގެ ނަމުގައި ހަދާފައިވާ ގްރޫޕަކުން ވަނީ 63،000 އެމެރިކާ ޑޮލަރު ހޯދަ ދީފައެވެ. މިއީ އިސްމާއިލްގެ ޖަނާޒާއަށް އެ ގްރޫޕުން ހޯދަދީފައިވާ އެހީއެކެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 25،150 އަށް އަރާފައިވާއިރު އެގައުމުން 1،789 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އަދި 135 މީހަކަށް ފަރުވާދެވި ބަލިން ރަނގަޅުވެފައިވާއިރު ހާލު ދެރަވެގެން 163 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.