މިހާރު ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ މިވަގުތު މުސްލިމުން ހައްޖުގެ އަޅުކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން މަޑުޖައްސާލަން ސައުދީ އަރަބިއްޔާގެ ސަރުކާރުން އެދިއްޖެއެވެ.

ހައްޖާއި އުމްރާއާއި ބެހެ ސައުދީ އަރަބިއްޔާގެ މިނިސްޓަރ ވިދާޅުވީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމާއި ގުޅޭ ގޮތުން އިތުރު ކަންކަން ސާފުވަންދެން މިވަގުތައް ހައްޖާއި ގުޅޭ ކަންކަން މަޑުޖައްސާލަން އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ހައްޖުގެ އަޅުކަމާއި ގުޅިގެން އެކި ގައުމުތަކުގެ ސަރުކާރުތަކުން ނިންމަން ޖެހޭ ކަންކަން ނިންމުން މަޑުޖައްސާލަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް އަދި އެންގިކަމެއް މިނިސްޓަރު ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ސައުދީ އަރަބިއްޔާ އިން މިހާރު ވަނީ އުމްރާގެ އަޅުކަން ވެސް މެދުކަނޑާލާފައެވެ.

ކަލަންޑަރުގައި އޮތް ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ. ގިނަ ގައުމުތަކުގައި މިހާރު ވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާއިރު، ބަލި ކޮންޓްރޯލްކޮށް އާއްމު ހާލަތަކަށް ރުޖޫޢަ ވާން ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާގައި ވެސް ހަލުވިކަމާއި އެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 110 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1563 އަށް އަރައެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ އަރަބި ގައުމުތަކުގައި ވެސް ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. އަރަބި ގައުމުތަކުގެ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު