ކޮވިޑް-19 ޖެހިގެން މިއަދު މިހާތަނަށް ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއަދު މިހާތަނަށް 3902 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން މިއަދަކީ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެ އެވެ. އިއްޔެ 3708 މީހުން މަރުވިއެވެ. މިއަދު ބައެއް ގައުމުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު އަދި ސާފު ނުވާތީ މިއަދު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެގެން ދާނެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41403 އަށް އަރާފައެވެ. މިހާތަނަށް 841378 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 180340 މީހުން ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 3573 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އިން މިއަދު އެކަނިވެސް 16552 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު 12428 އަށް އަރައެވެ. އެގައުމުން 105792 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ދެންމެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސްޕޭނުންނެވެ. ސްޕޭނުން 8269 މީހަކު ވަނީ މަރުވެފައެވެ. ސްޕޭނުން 94417 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އިން ދުނިޔެ ހުއްޓުމަކަށް ގެނެސްފައި ވާއިރު، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނަން ހައެއްކަ މަސް ދުވަސް ނަގާފާނެ ކަމަށް ބައެއް އޮފިޝަލުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު