ކޮވިޑް-19 އަށް އެމެރިކާއިން ރިކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރެގައި އެމެރިކާއިން 20699 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މިހާތަނަށް އެގައުމުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 615 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ މީގެ ކުރިން އެންމެ ގިނަ ބަޔަކު މަރުވި ދުވަހަށްވުރެ 57 މީހުން އިތުރު އަދަދެކެވެ.

މިހާތަނަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު އަދާހަމަވެފައި ނުވާތީ، އަދިވެސް މި އަދަދު އިތުރުވުން އެކަށީގެންވެއެވެ.

އެމެރިކާއިން މިހާތަނަށް ޖުމްލަ 184،487 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެގައުމު މިހާރު އޮތީ ލިސްޓުގެ އެންމެ ކުރީގައެވެ. އެމެރިކާއިން ފައްސިވި މީހުންގެ ތެރެއިން 3،756 މީހަކު ބަލީގައި މަރުވެފައި ވާއިރު، ޖުމްލަ 6،275 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހިގެން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމެވެ. އެމެރިކާގައި މިހާރުވެސް މިބަލި ޖެހިގެން ސީރިޔަސް ހާލަތުގައި 3،981 މީހަކު އެބަތިއްބެވެ.

މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށްްވުރެ އިތުރުވަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެމެރިކާ ސަރުކާރުން އަޅާ ފިޔަވަޅުތައް ނިންމުމަށް އުފައްދާފައި އޮންނަ ޓާސްކް ފޯސް އިން ބުނާ ގޮތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ސަރުކާރުން ކިތަންމެ ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެމެރިކާ އިން ލައްކައެއްހާ މީހުން މިބަލިމަޑިކަމުގައި މަރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.